ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ދެބަސްވުންތަކުގެ ސަބަބުން އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އަށް ދިޔަ މެންބަރުން އަލުން އެމްޑީޕީ އާ ގުޅިވަޑައިގަތުމަށް ސޯލިހު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން 'ރާއްޖެ ޓީވީ'ގެ ޕްރޮގްރާމަކަށް މިއަދު ހެނދުނު ދެއްވި ބަސްދީގަތުމެއްގައި ސޯލިހު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުނީ އެ ޕާޓީގައި ތިބި ބައެއް މެންބަރުން ޕާޓީ ދޫކޮށް ދިއުމުން ކަމަށާއި، އެ މެންބަރުން އެކަމާ މެދު ވިސްނައި މިއަދު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ގޮވާލެއްވީ އެ މެންބަރުން އަނބުރާ އެމްޑީޕީ އަށް ވަޑައިގަތުމަށެވެ.

ސޯލިހު ވަނީ އެމަނިކުފާނާ ދެމެދު ހުރި މައްސަލަތަކާއި ޒާތީ މައްސަލަތައް އެއްފަރާތްކޮށް، ގައުމު އިސްލާހުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ގުޅިގެން ކުރުމަށް ގޮވާލައްވައިފައެވެ.

"އަދި އަޅުގަނޑާ ދޭތެރޭ ހުރި މައްސަލައެއް ވިޔަސް އެކަން އެއްފަޅީގަ ބާއްވާފަ، ގައުމަށާއި އަދި އަޅުގަނޑުމެން މިކުރި މަސައްކަތް، އަދި ނިމުމަކަށް ނުދޭ، އަޅުގަނޑުމެން އެ ދުވަހު ފެށި މަސައްކަތް ނިމުމަކަށް ނާދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ އާ މެދު ރައްޔިތުންގެ އުންމީދެއް އަދިވެސް އޮތްކަމަށާއި، އެކުގައި ތިބެވިއްޖެ ނަމަ، ދެން އަންނަ ދައުރެއްގައި ވެރިކަމަށް އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.

ސޯލިހުގެ ބަސްދީގަތުމުން ބައެއް 'އެކްސް'ގައި ޕޯސްޓްކުރައްވައި، ނަޝީދު ވަނީ ސޯލިހުގެ ބަސްފުޅަށް އެއްބަސްވެވަޑައިގަންނަވާކަން ހާމަކުރައްވައިފައެވެ.

"ވަރަށް ބޮޑު ތެދުފުޅެއް، ތި ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެނަށް ވެސް ހޯދޭނެ ކަމުގެ އުންމީދު އަޅުގަނޑު ވެސް ކުރަން،" މެންދުރުފަހު ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

އޭގެ ކުރިން ކުރެއްވި ޕޯސްޓެއްގައި، އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވަނީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވެސް ފޮނުއްވައިފައެވެ.

އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީ ދެބައިވެގެން ދިޔައީ ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. ތަފާތު އެކި މައްސަލަތައް ޖެހެމުން ގޮސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން، މިދިޔަ ޖުލައި މަހު 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދީއެވެ.