އައްޑޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައެއް ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލީ ފުލުހުން ބުނެފިއެވެ.

އައްޑޫ ސިޓީ ފޭދޫގައި ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ނޭޕާލް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މިއަދު 9:40 ހާއިރު މޫދުގައި އޮއްވާ ފެނިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފޭދޫ ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނެފައި ވަނީ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ.