މި އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދިޔަ ހައްޖުވެރިން ވަނީ ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ޓްރެވަލް ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ދަތުރު ކުރި ހުރިހާ ހައްޖުވެރިން ވެސް ވަނީ ސައޫދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ފުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވަލް ވެކްސިން ކަމުގައިވާ ޕޯލިއޯ، މެނިންޖައިޓިސްއަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމުގައި ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހައްޖު ކޯޕަރޭޝަނުން މިހެން ބުނީ، މި އަހަރުގެ ހައްޖުގެ އަކުޅަން ފުރިހަމަ ކުރުމަށް ފަހު މާލެއަށް އައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާ ގުޅިގެންނެވެ. ބަކާ ނިޔާވީ ހުން އައިސްގެން ބަލިވެގެން ހާލު ސީރިއަސްވެ އޭދީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަކާ ނިޔާޥުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުރާނައަށް ނުރައްކާވާ މެނިންގޮކޯކޮލް ބަލި ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައި އައި މީހަކު ޖެހިގެން ނިޔާވި ކަމަށް ބުނެ އެއީ ބަކާ ކަމަށް ބުނަމުންނެވެ.

ނަމަވެސް މިކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން އެއްޗެއް ހމައެއް ނުކުރެއެވެ. އެޗްޕީއޭއިން ބުނީ އެ ފަދަ ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ބަލީގައި މީޙަކު މަރުވި ކަމާއި އެއީ ބަކާ ކަން ނުވަތަ ނޫން ކަން ވެސް އެޗްޕީއޭއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މެނިންގޮކޯކޮލް ބައްޔަކީ ބަލި ޖެހިފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުން، ނޭވާލައި ނިޒާމުގެ ތެރެއިންނާއި އަނގައިގެ ތެރެއިން ގައިން ގަޔަށް ފެތުރޭ ބައްޔެކެވެ. އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ. މި ބައްޔަކީ ނުރައްކާތެރި ބައްޔަކަށް ވާއިރު މި ބަލި ޖެހުމަށްފަހު ރަނގަޅުވުމަށް ފަހުވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވާ ބައްޔެކެވެ.