ދުނިޔޭގެ އެކި ގައުމުތަކަށް އެހީފޯރުކޮށްދެމުން އަންނަ ޔުނައިޓަޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ)ގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާ އާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު ޒަމީރު، އެމެރިކާއަށް މިހާރު ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިހާރުވެސް ޔޫއެސްއޭއައިޑީން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދެ ފަރާތުން ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެމެރިކާ ސަރުކާރުގެ އިތުރުން އދ ގެ އިސްބޭފުޅުންގެ އިތުރުން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކެންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ މިނިސްޓަރު ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫއެސްއޭއައިޑީގެ އެޑްމިނިސްޓްރޭޓާ ސަމަންތާ އަދި މިނިސްޓަރު ޒަމީރު ކުރެއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އަދި ވޮޝިންގްޓަންގެ ދަތުރުގެ ތެރެއިން ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގެ އިތުރުން، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ ޒަމީރު ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އަދި އެމަނިކުފާނު ނިއުޔޯކަށް ވަޑައިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާވެސް މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ނިއުޔޯކް އާއި ނިއުޖާޒީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ޒަމީރު ބައްދަލު ކުރައްވާނެއެވެ.

ޒަމީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު އާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.