ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ސްލޮވާކިއާއާ ޔޫކްރެއިންއާ ކުޅުނު މެޗު 1-2 އިން ޔޫކްރެއިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 އިން ރޯމޭނިއާ އަތުން ބަލިވި ޔޫކްރެއިން މިމެޗުން މޮޅުވީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މިގޮތުން، މެޗުގެ 17 ވަނަ މިނެޓްގައި ސްލޮވާކިއާއަށް ލަނޑު ޖަހާ ދިނީ އިވާން ޝްކްރާންޒެވެ. މިއީ މިމުބާރާތުގައި އޭނާ ސްލޮވާކިއާއަށް ޖަހާ ދިން ދެވަނަ ލަނޑެވެ. ޔޫރޯ 2024 ގައި ދެލަނޑު ޖެހުނީ އަދި އެންމެ ދެކުޅުންތެރިންނަށެވެ. އެއީ ޝްކްރާންޒްގެ އިތުރުން ޖާމަނީގެ ޒުވާން ފޯވަޑް ޖަމާލް މުސިއާލާއަށެވެ.
މިމެޗުން މޮޅުވެގެން ސްލޮވާކިއާއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތް އިރު އެޓީމުން ވަނީ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ލީޑު އިތުރު ފުޅާ ނުކުރެވި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 އިން ސްލޮވާކިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި ކުޅުމުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. މިގޮތުން، ޔޫކްރެއިންއިން ސްލޮވާކިއާގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރަން ފެށިއެވެ. ނަތީޖާއަކަށްވީ މެޗުގެ 54 ވަނަ މިނެޓްގައި ޔޫކްރެއިން އިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޝަޕަރެންކޯއެވެ.
ޔޫކްރެއިން މޮޅުކޮށް ދިން ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ތަޖުރިބާކާރު ފޯވަޑް ޔަރަމްޗުކްއެވެ. މެޗުގެ 80 ވަނަ މިނެޓްގައި އޭނާ ޖަހާ ދިން މިލަނޑަކީ ގޯލާ ކައިރިން ޖެހި ނަމަވެސް މޮޅު ލަނޑެކެވެ.
ސްކޯލައިން މިހެން އޮވެ މެޗު ނިމުނު އިރު މި މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ޔޫކްރެއިނުން މިވަނީ އާކޮށްފައެވެ. ގްރޫޕް ސްޓޭޖްގައި އެޓީމުން އެންމެ ފަހުން ކުޅޭނީ ބެލްޖިއަމްއާ ކަމަށްވާ އިރު އެމެޗުން މޮޅުވެގެން ޔޫކްރެއިންއަށް ދެވަނަ ބުރަށް ދެވިދާނެއެވެ.
ސްލޮވާކިއާއަށް ވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު ފަހު މެޗުގައި ރޯމޭނިއާ ބަލިކޮށްގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހި ކުރެވިދާނެއެވެ.