ރާއްޖެ އަންނަ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިމަހު ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ފައިސަލް ވިދާޅުވީ ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަމުންދާ އަދަދަށް ބަލާއިރު މިއަހަރު ރާއްޖެ އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިމަހުގެ ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ފައިސަލް ވިދާޅުވީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ 2023 ވަނަ އަހަރުގެ 15 މެއި ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 751،101 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މެއި 15ގެ ނިޔަލަށް 837،189 ފަތުރުވެރިން ޜާއްޖެ ވަނީ އައިސްފައެވެ. މިއީ ހުސްވި އަހަރާ އަޅާ ބަލާއިރު 11.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން 93،329 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 84،559 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އިންޑިއާއިން 47،649 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިނގިރޭސިވިލާތުން 29،429 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ޖަރުމަނުން 65،792 ފަތުރުވެރިން ޒިޔާރަތްކުރިއިރު ފްރާންސްއިން 31،359 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.
ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،198 ފެސިލިޓީއެއް އޮޕަރޭޓްކުރަމުންދާއިރު އޭގެ ތެރޭގައި 181 ރިސޯޓާއި 854 ގެސްޓްހައުސް އާއި 148 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު ދާދިފަހުން ރާއްޖެއިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ)އިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)2024 ގައި ރާއްޖެއިން ހަތަރު ކެޓަގަރީއަކުން އެވޯޑްވެސް ހާސިލްކޮށްފައެވެ.