ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ޓެލެތޯނަށް ސްޓެލްކޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މިޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8 އިން ދަންވަރު 12 އަށެވެ. މި ޓެލެތޯން ފައްޓަވައިދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ. ރައީސްގެ އިސްނެންގެވުމާއެކު ފަލަސްތީނަށް އެހީތެރިވުމަށް ކުރިއަށް ގެންދާ މި ޓެލެތޯންއަށް ބޮޑު ތަރުހިބެއް ލިބެމުން އަންނައިރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

އެ ގޮތުން ސްޓެލްކޯ އިން ފަލަސްތީނަށް އެހީތެރިވުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރު އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގައި ކުންފުނީގެ އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ ގޮތަށް ހުރިހާ، މުވައްޒަފުން ގެ ފަރާތުން ހަދިޔާކުރި އަދަދެއްކަމަށެވެ. އަދި ސްޓެލްކޯ އަކީ އަބަދުވެސް މިފަދަ ކަންތައްތަކަށް އަހަމިއްޔަތުކަމެއް ދޭ ކުންފުންޏެއްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެޗްޑީސީގެ ފަރާތުން މި ފަންޑަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރު، އެމްޑަބްލިޔުއެސްސީ އިން ވެސް ވަނީ މި ފަންޑަށް އެއްލައްކަ ރުފިޔާ ހަދީޔާކޮށްފައެވެ.

'ފަލަސްތީނާއެކު ދިވެހީން' ހާއްސަ ޓެލެތޯނު ކުރިއަށް ދާނީ މިރޭ 12 ޖެހުމާއި ހަމައަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް، ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު މިކަމަށް ހާއްސަ ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ.

- ދިވެހި ރުފިޔާ - 7730000655865 - ނަން: ފަލަސްތީނާ އެކު ދިވެހީން

- ޑޮލަރު - 7730000655866 - ނަން: ފަލަސްތީނާ އެކު ދިވެހީން