ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް ހައުސިންގް ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

"މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށް ގެންދާ އިވެންޓެކެވެ.

އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުންނެވެ. އަދި ހުޅުމާލޭގައި މިއަހަރު އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް 1ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2ގެ ކްރިކެޓްސްޓޭޑިއަމްގައެވެ. އަދި އީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް ބެހުމުގެ އިންތިޒާމް ވަނީ ރާވާފައެވެ.

މީގެ އިތުރުން، 16 އަދި 17 ޖޫން ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ. އަދި މި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

https://www.youtube.com/watch?v=Zk4xwkakpJc

ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތެވެ. އަދި މި އީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބު ވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ "މައި ހުޅުމާލެ އީދު އުފާ" އާ އެކު މިއަހަރުގެ އަޟްހާ އީދު ވެގެންދާނީ ވަރަށް ފޯރިގަދަ އީދަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ހަމަ ޖެހިފައިވަނީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ޝީޝާ މޯލްޑިވްސްއެވެ.