ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރު ލޯނަށް ހުޅުވައިލުމުން 500 ފުރުސަތަށް އެދި 1،709 ދަރިވަރުން ކުރިމަތިލަފައިވެއެވެ. މަތީ ތައުލީމުގެ ލޯނަށް އެދި މި އަހަރު 1،153 ދަރިވަރުން ޝަރުތުހަމަވާ އިރު އޭގެ ތެރެއިން 1،015 ދަރިވަރުންނަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީފާ ނުއުފެދޭތީ މި އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރީއިރު ޕައިލެޓުކަން ކިޔަވަން ފުރުސަތު ދީފައިވަނީ 10 ދަރިވަރުންނަށެވެ. އެ ދާއިރާއިން ވަޒީފާ އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން މިހާރު ވެސް އެތައް ބަޔަކަށް ވަޒީފާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު މިނިސްޓްރީން ބުނީ މިއަދު އާންމުކުރި ލިސްޓުގައި ޕައިލެޓް ލައިސެންސް ސްލޮޓްތަކުން ފެންނަން ހުންނާނީ ވަގުތީ ނަތީޖާ ކަމަށެވެ. އަދި އެހެނިހެން ސްލޮޓްތަކަށް ހޮވިފައިވާ ދަރިވަރުންގެ ދާއިމީ ނަތީޖާ ފެންނަނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ލޯނަށް ނުހޮވޭ ދަރިވަރުން، ނުހޮވުނު ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ. އަދި ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާ މެދު އިތުރު ސުވާލެއް އޮތް ނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ރާއްޖޭގައި ހުރި ޕައިލެޓުން ތަމްރީނުކުރުމުގެ މަރުކަޒުތަކުގެ ކެޕޭސިޓީއަށް ރިއާޔަތްކޮށް މި އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރީއިރު ޕައިލެޓުކަން ކިޔަވަން ދޫކުރާނީ 10 ފުރުސަތުކަން ހާމަކޮށްފައެވެ. ޕައިލެޓުކަން ކިޔަވަން އެދި ޝަރުތުހަމަވާ 148 ދަރިވަރުން ތިބިއިރު މިނިސްޓްރީން ބުނީ މި ފުރުސަތަށް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް މިއަހަރު އިއުލާންކޮށްފައިވާ އެހެން ދާއިރާ އާއި ސްްލޮޓްތަކުގެ ތެރެއިން އެ ދަރިވަރަކު ބަދަލުވާން ބޭނުންވާ ސްލޮޓަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

މީގެ އިތުރުން ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު މިހާރު ވެސް ޕައިލެޓު ލައިސަންސް ނަގައިގެން ތިބި ކުދިންނަށް ސީދާ ޕައިލެޓެއްގެ ގޮތުގައި ވަޒީފާ ނުލިބުނު ނަމަވެސް އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތަކުގައި މަސައްކަތްކުރުން މުހިންމު ކަމަށެވެ.