ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
އަދި އެ ފެސިލިޓީތަކަށް އެދުމަށްޓަކައި "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހުޅުވާލައިފަވީ ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހުމަށް ވަގުތު ނަގާ ކަމަށެވެ.
އެހެންކަމުން ގިނަ ބައެއްގެ ވެސް އެދުމުގެ މަތިން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާވެހި ފައިނޭންސް ސްކީމަށް އެދި ހުށަހަޅާއިރު ކައުންސިލުން ފާސްކޮށްފައިވާ ކުރެހުން ނެތް ނަމަވެސް ސްކީމަށް ހުށަހެޅޭ ގޮތަށް ދާދިފަހުން ވަނީ އުސޫލު ބަދަލުކޮށްފައެވެ.
އެގޮތަށް ނިންމާފައި ވަނީ ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހޯދުމަށް ހުށަހަޅައިގެން އެކަމަށް ވަގުތު ބޭނުންވާކަން ފާހަގަކޮށް މުއްތަލިބް ވިދާޅުވީ ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭނެ ކަމަށެވެ.
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ގެދޮރު އަޅައި ގެދޮރު މަރާމާތު ކުރަން އެހީތެރިވެދޭ ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެއް ކަމުގައިވާ ބޯހިޔާވަހިކަމުގެ ފޯރުކޮށްދިނުމަށް 5 އިންސައްތަ އިންޓަރެސްޓް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސްކީމެވެ. އަދި އެއީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމް އެކެވެ.