ލިލްމާސް ކުންފުނީގެ ދަށުން މާލޭގައި ހިންގާ މަނީ އެކްސްޗޭންޖް ފިހާރައަކުން ވިޔަފާރި ނިންމުމަށް ފަހު ގެއަށް ގެންދަން ހިފައިގެން ދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގެން މައްސަލައިގައި ހައްޔަރު ކުރި ޒުވާނާ 5 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ފޭރުމުގެ މި މައްސަލަ ހިނގާފައި ވަނީ އޮގަސްޓް 30، 2021 ގައެވެ. އެ ދުވަހުގެ ރޭގެ 10:10 ހައިރު، މާލޭގެ ހެންވޭރު ދަނޑު ކައިރިން ދިޔަ ލިލްމާސް ކޮމްޕެނީ މަނީ އެކްސްޗޭންޖް ފިހާރައިގެ ދެ މުވައްޒަފުން ފިލިގަސް މަގުން މަޖީދީ މަގަށް ނިކުންނަށް ދަނިކޮށް ޖީއެން ސައިކަލެއްގައި އައި ދެމީހަކު ވަނީ ކަތިވަޅިން ބިރުދައްކާފައެވެ. އަދި އެ ދެ މުވައްޒަފުންގެ އަތުގައި ފައިސާ އަޅާފައިވާ ދަބަސް ފޭރިގެންފައެވެ. އެ ދަބަހުގައި 912،714 ރުފިޔާ އާއި 27،150 ޑޮލަރު ހުއްޓެވެ.

މި މައްސަލައިގައި ހައްޔަރު ކުރި، ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމްގެ މައްޗަށް ވަނީ ފޭރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ. ނަމަވެސް މި ދައުވާއަށް ޖަވާބުދާރީ ވުމަށް ހުށަހެޅުމުން އޭނާ ވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާގައި ބަޔާންކޮށްފައިވާ އަމަލަކީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެ ދައުވާއަށް އިންކާރު ކޮށްފައެވެ.

އެގޮތުން މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔަ އިރު ދައުލަތުން ވަނީ ޝަމްއާން އާ ދެކޮޅަށް ގިނަ ހެކިތަކަކާއި ގަރީނާ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސިއްރު ހެކި ދިން ތިން ފަރާތަކާއި ސީސީޓީވީ ފުޓޭޖްގެ ވީޑިއޯ އެން އިމޭޖް އެނެލިސަސް ރިޕޯޓާއި ދެ ފުލުހުންގެ ހެކި ބަސް ހިމެނެއެވެ. ހަމައެއާއެކު ދިފާއުއަށް ހެކި ހުށަހަޅަން ދިން ފުރުސަތުގައި އޭނާ ވަނީ ތިން ދިވެހި ފިރިހެނުންގެ ހެކިބަސް ހުށަހަޅާފައެވެ. ދިފާއުން މި ހެކިން ހުށަހަޅާފައި ވަނީ އޭނާ ފޭރުމުގެ އމަަލުގައި ބައިވެރި ނުވާ ކަމަށާއި އެރޭ އޭނާ ހުރީ ކޮންތާކުކަން ސާބިތުކޮށް ދިނުމަށެވެ.

މި މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ފޭރުމުގެ ކުށުން ޝަމްއާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުގައި 8 އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. އަދި އޭނާގެ ބަނދުގެ މުއްދަތުގައި ހޭދަ ކުރި 2 އަހަރާއި 10 މަހާއި 9 ދުވަސް އުނިކުރުމަށް ފަހު ދެން އޭނާ ޖަލު އަދަބުން ތަންފީޒު ކުރަން ޖެހޭ އަދަބަކީ 5 އަހަރާއި އެއް މަހައި 21 ދުވަސް ކަމަށް އެ ހުކުމުގައި ބުނެފައި ވެއެެވެ.