އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 88 މެންބަރުން ވެސް ވޯޓުދެއްވީ އިސްލާހު ބަލައިގަތުމަށެވެ.

އެހެންކަމުން ރިޔާސަތުން ނިންމީ އެ އިސްލާހު އިތުރަށް ދިރާސާކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާލުމަށެވެ.

މީކާއީލް ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށް އިމިގްރޭޝަންގެ ގާނޫނުގެ އަށްވަނަ މާއްދާގެ އަކުރަކަށް ނަންބަރެއް އިތުރުކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުންނެވެ.

އިސްލާހު ފާސްވެއްޖެނަމަ، އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާވާނެއެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ ގަތުލުއާންމާ ދެކޮޅަށް ރާއްޖޭން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ އާއި މިކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތުމުން، ސީދާ ގާނޫނަށް އިސްލާހު ގެނެސް ފިޔަވަޅު އެޅުން އަވަސްކުރުން ކަމަށް، މީކާއީލްގެ ބަޔާނުގައިވެއެވެ.