ކޯޓެއްގައި ފަނޑިޔާރެއްގެ މަގާމު އަދާކުރުމަށްފަހު ވަކިވާތާ، 2 އަހަރު ދުވަސް ވަންދެން އެ ކޯޓެއްގައި ވަކީލުކަން ނުކުރެވޭ ގޮތަށް "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު"އަށް ގެންނަން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.

މި ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުން ތާއީދާއެކުގައެވެ. އަދި ބިލު ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި އިސްލާހުގެ ބޭނުމަކީ:

  • ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުން
  • ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ގާނޫނުގައި ކަނޑައެޅުން
  • ފަނޑިޔާާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރުން
  • ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން
  • ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާކުރުން

ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފިނަމަ ވަކިކުރި ތާރީހުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރާ ދުވަހާ ހަމައަށް ފާއިތުވި 3 އަހަރު ފަނޑިޔާރުކަަން ކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުގެ މަގާމުގައި ހުރެ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި ދައުލަތުގެ ބިން ގަތުމާއި ކުއްޔަށް ހިފުމާއި ދައުލަތާއި އެހެން ފަރާތަކާ ދެމެދު ވެވޭ މުއާމަލާތެއްގައި ސީދާގޮތުން އަދި ނުސީދާ ގޮތުގައި ވެސް މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެއެވެ.