އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް އިދިކޮޅުން ހުށަހެޅި އިސްލާހަށް ވެރިކަންކުރާ ޕީއެންސީން ބަހުސްނުކުރަނީ މަސައްކަތް އަވަސްކޮށް، ކޮމިޓީ މަރުހަލާގައި ނިންމުމަށް ކަމަށް، ބާރަށު ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފަލަސްތީނުގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރަމުން ދަނީ މި ސަރުކާރުން ކަމަށާއި، އެގޮތުން ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ހައްގުގައި އަބަދު ވެސް ވަކާލާތުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ކޯ ސްޕޮންސަރަކީ ރާއްޖެ ކަން ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

"މި ހުރިހާ ކަމެއް މިހެން ހިނގަމުން ގޮސް، ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ހައްގުގަ، އެމަނިކުފާނު މި މަސައްކަތް ދިވެހި ރައްޔިތުންގެ ހައްގުގަ ކުރަމުންދާއިރު، ކުއްލިއަކަށް ހީލަތްތެރި ރޭވުމެއްގެ ތެރެއިން އަޅުގަނޑުމެން މިކަން ނުކުރާ ކަމަށް ހަދައި، ސަރުކާރުގެ ބޮލުގައި މިކަން އެޅުވުމަށްޓަކައި ކުރެވޭ ކަމަކީ މިއީ ހަގީގަތުގަ ވަރަށް ދެރަ ކަމެއް ގޮތުގަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ،" މި ބިލުގެ ނިޔަތާ މެދު ސުވާލު އުފައްދަވައި ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނިމިދިޔަ ވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކުރި އެއް ކަމެއް ވެސް ފެންނާކަށް ނެތެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގާނޫނުތައް އިސްލާހުކުރުމަށް އެމްޑީޕީން ނުކެރުނު ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕީއެންސީން ބޭނުންވަނީ މި ބިލުގެ މަސައްކަތް އަވަސްކުރުމަށް ކަމަށާއި، ނަމަވެސް އެމްޑީޕީން ބޭނުންވަނީ ބިލުގެ މަސައްކަތް ދިގު ދެންމުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެންބަރުން މިކަން ކުރައްވަމުން ގެންދަވަނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"މިކަން އަވަސްކޮށް، ވީހާވެސް އަވަހަކަށް ކޮމިޓީއަށް ފޮނުވައިގެން މިކަން ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން މިތިބެނީ ވާހަކަ ނުދައްކާ،" ޝުޖާއު ވިދާޅުވިއެވެ.

އެހެންކަމުން، އެމްޑީޕީން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިސްލާހު ހުށަހެޅީ ޖެއްސުމަށް ކަމަށް، އޭނާ ސިފަކުރެއްވިއެވެ.

މީކާއީލްގެ އިސްލާހަށް ތާއީދުކުރާކަން މިއަދުގެ ޖަލްސާގައި ޕީއެންސީން ވަނީ ހާމަކޮށްފައެވެ. އެކަން ހާމަކުރައްވައި، އެ އިސްލާހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހެވެ. އެ ހުށަހެޅުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ ތާއީދުކުރައްވައިފައެވެ.