ލާމަރުކަޒީ ނިޒާމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ކުޑަކޮށް ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމަށް މެންބަރުންގެ ހިޔާލު ހޯދުމުގެ ގަރާރެއް މަޖިލީހުން ފާސްކޮށްފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.
ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ކައުންސިލްގެ ހަތަރު އިންތިހާބެއް ބޭއްވި އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލެއް ނުވަތަ ފަސޭހައެއް ފެންނަން ނެތް ކަމަށެވެ. އަދި މި ބަދަލާއެކު ރަށްތަކުގެ ތަރައްގީއަށް އައިި ބަދަލެއްވެސް ފެންނަން ނެތްކަމަށް މި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
މިހާރު މިނިޒާމު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރީން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރީންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ބަދަލުވެފައިވާކަމަށް މި ގަރާރުގައި ޝުޖާއުވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ކުރެވުނު ދިރާސާތަކުންވެސް، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ކައުންސިރަލުންގެ އަދަދާމެދުކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ކުދިކުދި ރަށްތަކުގައިވެސް ފަސް ކައުންސިލަރުން ތިބެންޖެހުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އިސްލާހުތައް ބެނުންވާ ކަންކަންކަމަށެވެ.
ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއްކުރުމަކީ ކުރަންޖެހޭ ކަމެއްތޯ ސުވާލު އުފައްދަމުން ޝުޖާއުވަނީ މި ނިޒާމުގައި މިކަހަލަ ދެކޮޅު ނުޖެހޭ ކަންތައްތައް ހުރިކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން ކައުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ކުޑަކުރުމާގުޅޭ ގޮތުން މެންބަރުންގެ ހިޔާލަށް ވަނީ އެދިފައެވެ.
ކައުންސިލަރުންވެސް މަދުކުރަންވީ، ރައްޔިތުންގެ މަޖްލިހުގެ މެންބަރުން ތިބެންޖެހޭ ވަރުވެސް ބޮޑުތަނުން މަދު ކުރަންވީ.