މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރަށް ނާރާކަމަށާއި އެހެންނަމަވެސް އެމްޑީޕީ ސަރުކާރުގައި ސިޔާސީ މަގާމުތައް 1400 އަށް ވުރެ އިތުރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނޭރުވުންކަމަށެވެ. އެހެންކަމުން މި ސަރުކާރުގައި އެ މަގާމުތަކުގެ އަދަދު 700 އަށް އަރުވާފައިނުވާނެކަމަށާއި މަސައްކަތްކުރަމުން ދަނީ އެއަށްވުރެވެސް މަދު ކުރުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި 5 އަހަރުން ނުލިބޭވަރަށް ފައިސާ އެމްޑީޕީގެ ވެރިކަމުގައި އެއް އަހަރުން ހޯދާފައިވާކަމަށް އެ ޕާޓީގެ ރައީސް މީގެ ކުރިން ވިދާޅުވެފައިވާކަމަށެވެ. އެހެންނަަމަވެސް އެކަން ރަނގަޅަށް ބެލި އިރު ދައުލަތް 'ކައި' ހުސްކޮށްލާފައި ވާކަމަށާ އެމްޑީޕީ އިން ދިޔައީ ގައުމު 'ލޫޓުވާލާފައި' ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ 2013 އިން 2018 އަށް ޕީޕީއެމްގެ ވެރިކަމުގައި ނަގާފައިވާ ދަރަނިން ކުރި މަސައްކަތްތައް ރައްޔިތުންނަށް ފެންނަން އެބަހުރި ކަމަށެވެ. އެ ގޮތުން ސިނަމާލެ ބްރިޖާ، އެއާޕޯޓާ، ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ކުރިއަށް ގެންދިޔަކަމަށް ޝުޖާއުވަނީ ފާހަގަކުރައްވާފައެވެ. އަދި އެމްޑީޕީ ސަރުކާރުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުރީ ކޮން ކަމެއްތޯ ސުވާލުކުރައްވަމުން ޝުޖާއު ވަނީ 2018 އިން 2023 އަށް ނެގި 120 ބިލިއަން ރުފިޔާއިން ކުރިކަމެއް ފެންނަން ނެތްކަމަށް ވިދާޅުވެފައެވެ. "އަދި އެދަރަނި އެހެން އޮއްވާ އަޅުގަނޑުމެން އައިސް ކުންފުނިތައް ބަލާލިއިރު މި އޮތީ ދަރާފަ." ޝުޖާއު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި މި ގައުމު 120 ބިލިއަން ރުފިޔާއަށް ދަރުވާލާފައިވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ރައީސް ސޯލިހް ވެރިކަން ކުރެއްވި ގޮތުގެ މައްޗަށް ފޮތެއް ލިޔުއްވަން އުޅުއްވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ކުރައްވަންވީ ދާރުލް އާސަހަރެއް ބިނާކުރެއްވުންކަމަށެވެ.