ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުގައި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއިން ސިޔާސީ މަންފާ ހޯދަމުން އަންނަކަމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ، ޒުވާނުން އަންނަނީ މާލޭގެ މަގުމަތީގައި ކޮންމެ ރެއަކު އިހްތިޖާޖުކުރަމުންނެވެ. މި އިހްތިޖާޖުގައި މި މައްސަލައިގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވޭ ސަރުކާރުގެ މިނިސްޓަރުންގެ އިސްތިއުފާއަށް ގޮވަމުން އަންނައިރު، މިއީ ޒުވާނުން އިސްނަގައިގެން މިފަދަ މައްސަލައެއްގައި ބާއްވާ ފުރަތަމަ އިހްތިޖާޖެވެ.

މި ސުލްހަވެރި އިހްތިޖާޖު ސިޔާސީ ކުރުމަށް އެމްޑީޕީއިން މަސައްކަތްކުރާކަމަށް ތުހަމުތުކޮށް ބައެއް ފަރާތްތަކުން އަންނީ މި އިހްތިޖާޖުގައި ބައިވެރިވާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މި މުޒާހަރާގައި އަލައިކާ އާއި ސަފާތުގެ އިތުރުން އެމްޑީޕީ އެކްޓިވިސްޓުން ބައިވެރިވާ ފޮޓޯތަކާއެކު މިއީ ޔުމްނަށް އިންސާފު ހޯދަ ދިނުމުގެ ނަމުގައި އެމްޑީޕީއަށް ގެއްލިފަވާ ޒުވާނުންގެ ތާއީދު އަބުރާ ހޯދުމަށް ކުރާ މަސައްކަތެއްކަމުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ޝުޖާއު ވިދާޅުވީ އެމްޑީޕީއިން ވަދެއްޖެ ތަނެއް ފަސާދަކުރާނެ ކަމަށެވެ. އަދި ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުން އެމްޑީޕީ ސިޔާސީ މަންފާ ހޯދާ މިއިހްތިޖާޖު ބޭނުންކޮށްގެން ފައިސާ ހޯދަމުން ދާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން މިއިހްތިޖާޖް ރާވާ ހިންގާ ޒުވާނުން މިކަމަށް ސަމާލުވުމަށް ޝުޖާއު ވަނީ އިލްތިމާސްކޮށްފައެވެ.