ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މަހު މުސާރަ ދަށްކުރުމަށް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް އޭނާ ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ދެމުންދާ ގޮތް އިސްލާހުކުރަން ޖެހޭ ކަމަށާއި، އެގޮތުން މެންބަރުންނަށް އުމުރުދުވަހު އިންޝުއަރެންސް ދޭން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިކަން އެޕްލައިވާންވީ ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް، އެއީ ވެރިކަންކުރާ މީހުންނަށް ވެސް ލިބޭ އިނާޔަތްތަކާ އެއްޗިއްސަށް ބަދަލު އަންނަންވީ، އޭގައި ފަނޑިޔާރުކަން ކުރާ ބޭފުޅުންނަށް ވެސް ހަމަ އިނާޔަތްތަކާއި އެއްޗިއްސަށް ބަދަލު އަންނަންވީ،"

އޭނާ ވިދާޅުވީ، އޭގެ ބަދަލުގައި ރާއްޖޭގައި އޮންނަންވީ އިންޝުއަރެންސްގެ އެއް ނިޒާމު ކަމަށާއި، އެ ނިޒާމު ވާންވާނީ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ބޭނުންކުރެވޭ އިންޝުއަރެންސްގެ ނިޒާމަކަށް ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މަހު މުސާރަ ބޮޑު ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ. މިފަހުން ހުޅުމާލެ ދާއިރާގެ ކައުންސިލަރުކަން ކުރެއްވި ޝުޖާއު ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލަރަކަށް 30 ހާހުގެ މުސާރައެއް ލިބޭއިރު، މަޖިލީހުގެ މެންބަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ ލިބެއެވެ. އެ 42،500 ރުފިޔާގެ އިތުރުން ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000 ރުފިޔާ ލިބޭ ކަމާއި ލިވިން އެލަވަންސެއްގެ ގޮތުގައި 20،000 ރުފިޔާ ލިބޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ، އިއްޒަތްތެރި ރައީސް، މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ،"

ޝުޖާއު ވިދާޅުވި ގޮތުގައި، މެންބަރުކަމަށް ހޮވުމުން، މެންބަރުންގެ ޒިންމާ ބުރަކަން މެންބަރުންނަށް އިހްސާސްކުރެއްވޭނެއެވެ.

ޝުޖާއުއެކޭ އެއްގޮތަށް ގާސިމް ވެސް ވަނީ މެންބަރުންގެ މުސާރަ ދަށްކުރުމަށް ދެކޮޅު ހައްދަވައިފައެވެ. އެކަމަކު މެންބަރުކަމުން ވަކިވާ ބޭފުޅުންނަށް އެލަވަންސް ދިނުމާ ގުޅޭ ގޮތުން ޝުޖާއު ދެއްކެވި ވާހަކައަށް ގާސިމް އެއްބަސްވެވަޑައިނުގަންނަވައެވެ.

ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ، އެއީ ރަށްރަށުން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ލިވިން އެލަވަންސް އިން ހަމަނުޖެއްސޭތީ ކަމަށެވެ.