ދިވެހިންގެ ތެރޭގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އީދަކީ އަޟްހާ އީދު ނޫނީ ބޮޑު އީދެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަ ކުރާ އިރު، ކޮންމެ އަހަރަކު ވެސް އެންމެ ފޯރީގައި ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާ އެއް ރަށަކީ ބ. ކަމަދޫއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ބޮޑު އީދު ފާހަގަ ކުރާ ވާހަކަ ބުނާ އިރު، އެންމެ ފުރަތަމަ ހިތަށް އަރާ އެންމެ މަޖާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ ފެންޖެހުމާއި ކުލަޖެހުމެވެ. މިއީ ގިނަ ބައެއްގެ މެދުގައި ހިޔާލުތަފާތުވުން އޮތް ކަމެއް ކަމުގައި ވިޔަސް ކަމަދޫ ގައި ފެން ޖެހުމާއި ކުލަ ޖެހުމަށް ވެސް ވަނީ އެއް ދުވަހުގެ ހަވީރު ދަންފަޅި ހުސްކޮށްލާފައެވެ.

އެގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ދެމެދުގެ ވަގުތަކީ ފެން ޖެހުމާއި ކުލަ ޖެހުމަށް ހާއްސަ ކޮށްފައިވާ ވަގުތެވެ.

ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުގެ ތެރެއިން ފެނާއި ކުލަ ޖެހުން

ކަމަދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތަފްސީލް 'ދަ ޕްރެސް' އާ ހިއްސާ ކުރައްވަމުން އެ ރަށުން ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، އީދުގެ ހަރާކަތްައް ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އުފައްދައިގެން ވަރަށް ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.

އީދާ ދިމާކޮށް މިއަހަރު ވެސް އެތައް ސަގާފީ ހަރަކާތްތަކަކާއި ކުޅިވަރުތަކުގެ އިތުރުން މިއުޒިކު ޝޯވް ވެސް ބާއްވަން ނިންމާފައިވާ ކަން ހަސަން ޒަރީރު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު މިދިޔަ އަހަރު އީދުގައި ނުފެންނަ އެތައް ކުޅިވަރުތަކެއް ވެސް ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުގެ ތެރެއިން އަންހެނުންގެ ދަނޑިޖެހުން

ކަމަދޫގައި އެންމެ ފޯރީގައި ކުރިއަށްދާ ހަރަކާތްތަކަށް ބަލާއިރު، ދަފި ނެގުމާއި ކޯޑި ކެނޑުން، ބޮޑު މާލި އާއި ފަތް މާލި ނެރުން، ދަނޑި ޖެހުމާއި ފަތިގަނޑު ޖެހުމާއި ބަނޑިޔާ ޖެހުން ފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކުޅިވަރުތަކުގެ ތެރެއިން ދަފި ނެގުމާއި ކޯޑި ކެނޑުމަށް އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް ވަކި ދެ އައިޓަމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ހައްޖު ދުވަހުގެ ރޭގައި ހާއްސަ ހަރަކާތެއްގެ ގޮތުގައި ކަމަދޫއަށް ޒިޔާރަތްކުރާ ހުރިހާ މެހެމާނުންނަށް މަރުހަބާ ކިއުމަށް އެރަށުގެ 100 އެއްހާ ރައްޔިތުން އެކުވެގެން ހާއްސަ އިވެންތެއް ހުށަހަޅާނެ ކަމަށް ހަސަން ޒަރީރު ވިދާޅުވިއެވެ. އެ އިވެންޓަށް ފަހު އީދު ޝޯވް ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތެއް ކުރިއަށް ދާ އިރު، އެތައް ފަންނާނުންނެއްގެ ހަރަކާތްތައް ފެނިގެންދާނެ ކަމަށް ހަސަން ޒަރީރު ވިދާޅުވިއެވެ.

ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުގެ ތެރެއިން

ކަމަދޫގައި ކުރިއަށް ދާ ހުރިހާ އީދު ކުޅިވަރަކީ އެ ރަށުގެ ކުދި ބޮޑެތި އެންމެން ބައިވެރިވާ ކުޅިވަރުތަކެވެ. އެ ރަށުގައި ހިންގާ ހަރަކާތްތަކުގައި ރަށުގެ ރައްޔިތުން ބައިވެރިވާ އިރު އީދު ޝޯވް ވެސް ހުށަހަޅައި ދިނުމުގައި އުޅޭނީ ރަށުގެ ރައްޔިތުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

އީދާ ދިމާކޮށް އެތައް ތައްޔާރީތަކެއް ވަމުން އަންނަ އިރު، އެ ދުވަސްވަރަށް ރަށުގައި ހުރި ހުރިހާ ގެސްޓްހައުސްތަކެއް ވަނީ މުޅިން ބުކް ކޮށްފައި ކަމަށް ޒަރީރު ވިދާޅުވިއެވެ. ހަމައެއާއެކު އެ ރަށުގެ ގެތަކުން ވެސް އެ ދުވަސްވަރަށް އަންނަ މެހެމާނުން ވަނީ ދުވަހު ކުއްޔަށް ކޮޓަރިތައް ވެސް ނަގާފައި ކަމަށް ޒަރީރު ވިދާޅުވިއެވެ. ކޮންމެ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ކަމަދޫގައި އީދުގެ ފޯރީގައި ބައިވެރިވުމަށް އެތައް ބަޔަކު އަންނާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މީގެ އިތުރުން އަތޮޅުޔ ތެރެއިން ވެސް އެތައް ބަޔަކު ކުޅިވަރުތައް ބެލުމަށް އެރަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުގެ ތެރެއިން

މިދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަަރުގެ އީދު ދުވަސްވަރު ވެސް އެތައް ބަޔަކު އެރަށަށް ޒިޔާރަތް ކުރާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހިތްހެޔޮކަމާއި އެކުވެރިކަމުގެ ލާމަސީލް ނަމޫނާއެއް ދައްކަމުން އަންނަ ކަމަދޫގެ އީދު ކުޅިވަރުތަކުގެ ވާހަކައަކީ ތޯތޯ ވާހަކައެއް ނޫނެވެ. މިއީ މުޅި ރަށުގެ ރައްޔިތުންނާއި މެހެމާނުންގެ ހިތްތަކަށް އުފާވެރިކަމާއި ކާބަފައިންގެ ޒަމާނުގެ އީދު އުފާ ފާހަގކުރާ ގޮތް ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުސަތެކެވެ.