ފިތުރު އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1ވަނަ ދުވަހަކީ، (ފިތުރު އީދު ދުވަހަކީ) މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިތުރު އީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
އަދި، މާރިޗު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީއިން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަގްސަދުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ވަނީ މީގެ ކުރިން ރޯދަ މަހުގެ ފަހު ދިހަވެސް ބަންދުކޮށްފައެވެ. އަދި ރައީސްގެ މި ނިންމެވުމާއެކު، ފިތުރު އީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އޭޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހުއެވެ.