ރާއްޖޭގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ބަލައިލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން ރާއްޖެ އަތުވެއްޖެއެވެ.

އެމްއެމްޕީއާރުސީން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފަރާއަށް ރާއްޖޭގެ ހަގީގީ މެހުމާންދާރީ އަދާކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ފަރާ ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ރާއްޖޭގެ މޮނިއުމެންޓް ކައިރީގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީ އާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އެމްއެމްޕީއާރުސީން ބުނީ ބުނީ ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ފަރާއަށް ދައްކާލުމަށް ކެތްމަދުވެފައިވާކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓުކުރަން މި މަހު 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާއި ހަމައަށް ފަރާ ރާއްޖޭގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރްސީން ބުނީ މިއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފަރާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ބައެއް ރަށްރަށުގެ ރީތި ސަގާފަތް "ކޮމެޑިކް ނެރޭޓިވް"އަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަރާ ދަނީ ކޮން ރަށްރަށަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.