ކުރިއަށް އޮތް އަޟްހާ އީދަށް، އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މިދިޔަ އަޟްހާ އީދާ ދިމާކޮށް މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުންނެވިއިރު ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލާފައެވެ. އަދި ބައެއް ގިޑިގެ ތަކުގެ މަތީގައި "އީދު މުބާރިކް" ޖަހާފައިވެއެވެ.
ވެރިކަމަށް އިންތިހާބުވެވަޑައިގެން ސޯސަލް ސެންޓަރުގައި ފުރަތަމަ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވަނީ ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ އިސްލާމީ ވަންތަކަން ދިރުވާ އާލާ ކުރާ މުޖުތަމައު އަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އިހުސާސް ވެވަޑައިގަތީ މާލެ ސިޓީގައި އީދު ދުވަހު ބޮކި ދިއްލާ ތަކުބީރު އިއްވުމުން ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅު ކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުންދިޔަ ސެލްޕީތަކާއި އެކިއެކި މީހުންނާ ބައްދަލުވެވަޑައިގަތުމުން ދެއްކި ވާހަކަތަކުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދެން އަންނަ ކޮންމެ އީދަކަށް ރާއްޖޭގެ ހުރިހާ ސިޓީތަމާއި ވެރިކަން ކުރާ ރަށްތަކުގައި އެެކަން ކުރައްވާނެ ކަމަށާއި ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެހެން ރަށްތަކުގައި ވެސް އެކަން ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ މިއީ އީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން އަންނަން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއްގެ ގޮތުގައި މި މަސައްކަތް ފަހުމީ ސިފަ ކުރެއްވިއެވެ.