ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް އެޕާޓްމެންޓްތައް ނިންމުމަށް ދިން މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވުމުގެ ސަބަބުން އެޗްޑީސީއީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލްކޯޓުން މި ހުކުމް ކޮށްފައި ވަނީ ދައުވާ ހުށަހެޅުމުގެ ކުރިން ހެކި ހާމަ ކުރުމަށް އެދި މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ވަނީ ކޭ ޕާކް ރެސިޑެންސް އިމާރާތްކުރުމާ ގުޅޭގޮތުން އެޗްޑީސީ އަދި ހަންބޯ ކޮންޕެނީ ލިމިޓެޑާ ދެމެދު 2016 ވަނަ އަހަރުގެ ވެފައިވާ އެއްބަސްވުމުގެ ކޮޕީއަކާއި އެ އެއްބަސްވުމަށް އެއްވެސް އިސްލާހެއް ގެނެވިފައިވާނަމަ އެ އިސްލާހުގެ ކޮޕީއެއް ދިނުމަށް އެދިފައެވެ. އަދި ޕްރޮޖެކްޓް ސެކިއުރިޓީގެ ގޮތުގައި ލިޔުމެއްވާނަމަ އެކަމާ ގުޅޭ ލިޔުން ވެސް ހުށަހެޅުމަށް އޭނާ އެދިފައިވެއެވެ.

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގެ ބާރު އެހެން ފަރާތަކަށް ދީފައިވާނަމަ އޭގެ ލިޔުމުގެ ކޮޕީއެއްގެ އިތުރުން އެޗްޑީސީގެ ފަރާތުން ހަންބޯ ކޮމްޕެނީ ޕްރަވެޓް ލިމިޓެޑަށް އެޕާޓަމަންޓް ވިއްކުމުގެ ހުއްދަ ދީފައިވާކަން އަންގައިދޭ ލިޔުންތައް ދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

މީގެއިތުރުން ކޭ ޕާކް ރެސިޑެންސް އިމާރާތް ކުރުމަށް ދެވިފައިވާ މުއްދަތުގައި މަސައްކަތް ނިންމާފައި ނުވާތީ އެޗްޑީސީގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ އޭގެ ތަފްސީލް އަދި އެފިޔަވަޅުތަކާ ގުޅޭ ލިޔުންތައް ދިނުމަށް އޭނާ އެދިފައިވެއެވެ.

މިކަމާ ގުޅިގެން ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނީ 14 ދުވަހު ތެރޭގައި ހުރިހާ ލިޔުމެއް އެޗްޑީސީއީން އެ މީހާ އަށް ފޯރުކޮށްދިނުމަށެވެ. އަދި އެ ލިޔުންތަކާ އެކު، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ދައުވާ ސިވިލް ކޯޓަށް ހުށަނާޅައިފިނަމަ، އަންނަ މަހުގެ 30 އިން ފެށިގެން 5 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް އިތުރު ކޮޕީއެއް ނެގުމަކާއި ނުލައި އެޗްޑީސީއަށް ހަވާލު ކުރަންޖެހޭނެ ކަމަށް އެ އަމުރުގައި ވެއެވެ.

ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކުރަނީ އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ މިހާތަނަށް ކޭ ޕާކް މައްސަލާގައި ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ގާތްގަނޑަކަށް 225 ދައުވާ މަންޑޭގެ މައްޗަށް އަންނާނެ ކަމަށެވެ. އަދި ކޭޕާކު ރެސިޑެންސްގެ އެޕާޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައި ހުރި ކަމަށެވެ.

އެގޮތުން 41 އެއް އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށާއި އެއް އެޕާޓްމަންޓެއް 7 މީހަކަށްވެސް ވިއްކާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.