މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އަޟްހާ އީދު ދުވަހަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައެޅުމާ ގުޅިގެން ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ މި މަހުގެ 18،17 އަދި 19 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ކުރިން ހަމަޖެހިފައިވާ ގޮތުން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ބަލައިގެން ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދުގައި ރާއްޖެއިން ބޭރަށާއި އަދި ރަށްރަރަށް ދަތުރުރުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން އީދު 20 ވަނަ ދުވަހު ސަކުރާކުގެ އޮފީސްތައް ހުޅުވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެންނިވަޑައިގަންނަވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

ރައީސްގެ މި ނިންމެވުމާއެކު އީދު ބަންދަށްފަހު ދެން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ މި މަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.