ރައްިތުން މަޖިލީހުގެ ސުވެނިއާ ޝޮޕާ ގުޅޭ ގޮތުން ރާއްޖެ އެމްވީ އިން ފަތުރާފައިވަނީ ދޮގު ހަބަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޒިޔާއު ވިދާޅުވީ ސުވެނިއާ ޝޮޕްތަކަކީ ދުނިޔޭގެ ހުރިހާ ގާނޫނު ހަދާ މަޖިލީސްތަކުގައި ހުންނަ އަދި އެތަނަށް ޒިޔާރަތްކުރާ މެހުމާނުންނަށް ސުވެނިއާ ގަނެވޭ ގޮތަށް ހަދާފައި ހުންނަ ތަންތަން ކަމަށާއި މަޖިލީހުގެ ސުވެނިއާ ޝޮޕްގެ މަސައްކަތް ފެށީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޫން ކަމަށެވެ.

އެގޮތުން ޒިޔާއު ވިދާޅުވީ މަޖިލީހުގެ ސުވެނިއާ ޝޮޕްގެ މަސައްކަތް މީގެ 3 އަހަރު ކުރިން 2021 ގައި ފަށާފައިވާ ކަމަށާއި ސުވެނިއާ ޝޮޕަށް ބޭނުންވާ ތަކެތި ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އޭރު ގެޒެޓުގައި އިއުލާންވެސް ކުރިކަމަށެވެ. ޒިޔާއު ވިދާޅުވީ ފަހުން އެތަކެތި ފަރުމާކުރީ މަޖިލީހުގެ ގްރެފިކް ޑިޒައިނަރެއް ކަމަށެވެ.

ޒިޔާއު ވިދާޅުވީ 2021 ވަނަ އަހަރުގެ ޖޫން މަހު 21 ގައި ޑިޒައިން ކުރާނެ ބަޔަކު ހޯދަން އިއުލާންކުރިކަމަށާއި، ހަމައެ އަހަރުގެ އޮގަސްޓު 17 ގައި ޑިޒައިންކޮށް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި ކަމަށެވެ. އޭގެ ފަހުން މި އަހަރު އޭޕްރީލް 16 ގައި ޑިޒައިނާ އެއްގޮތަށް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި ކަމަށާއި ނަމަވެސް އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ މި ޖޫން މަހުގެ 2 ވަނަ ދުވަހުގައި އަލުން އިއުލާނުކުރީ ކަމަށެވެ.

ސުވެނިއާތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ގާނޫނު ހަދާ މަޖިލީސްތަކުގެ ސުވެނިއާ ޝޮޕްތަކުގައި ހުންނަ ފަދަ ގަލަމާއި ފޮތާއި ތަށި އަދި ސަމުސަލާއި އޫ ސެޓް ފަދަ ތަކެތި ހިމެނޭ. އަދި މި ތަކެއްޗަކީ މެންބަރުންނަށް ދޭން ނުވަތަ މެންބަރުންގެ ބޭނުމަށް ހަދާތަކެއްޗެއްވެސް ނޫން
ހަސަން ޒިޔާއު

މީގެއިތުރުން ޒިޔާއު ވަނީ މި ތަކެއްޗަކީ ސުވެނިއާ ޝޮޕަށް ޒިޔާރާތްކުރާ އާންމުންގެ ތެރެއިން އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ގަތުމަށް ބަހައްޓާފައި ހުންނާނެ ތަކެތި ކަމަށް ވިދާޅުވެފައެވެ. ޒިޔާއު އިތުރަށް ވިދާޅުވީ މި ފަދަ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާތީ ރައްޔިތުންގ ކިބައިން ސަމާލު ވުމަށް އެދިފައެވެ.