ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް ޓްރޭޑް އިވެންޓް ކަމަށްވާ ޑަބްލިއުޓީއެމް ލަންޑަން 2024 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި އަހަރު ނޮވެމްބަރު 5 ކުން 7 ގެ ނިޔަލަށް މި ފެއާ ކުރިއަށް ގެންދަނީ އެކްސްސެލް ލަންޑަންގައި ކަމަށެވެ. މި ފެއާއަކީ އިނގިރޭސިވިލާތުގެ ދަތުރުފަތުރުގެ ދާއިރާގެ މުހިންމު މަންދޫބުންނާ ގުޅުމަށް ތަފާތު ޕްލެޓްފޯމެއް ފޯރުކޮށްދޭ އިވެންޓެކެވެ.

ރާއްޖޭގެ ތަފާތުކަމާއި ރީތިކަމުގެ އިތުރުން އެކިއެކި ހުށަހެޅުންތައް ދައްކާލައިގެންވބްރޭންޑް އެވެއާނަސް ހަރުދަނާ ކުރުމާއި ސްޓްރެޓެޖިކް ނެޓްވޯކިން މެދުވެރިކޮށް އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިޔަފާރީގެ މުހިންމު ބައިވެރިންނާ ގުޅުންތައް ގާއިމްކުރުމަކީ މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދު ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ އާ އުފެއްދުންތަކާ ބެހޭ އިންޑަސްޓްރީގެ އަޕްޑޭޓްތައް ބައްދަލުވުންތަކުގައި ހިއްސާކުރާނެ ކަމަށާއި ގުދުރަތީ ގޮތުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޕްރޮމޯޓުކުރުން ވެސް މި ފެއާގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ އިން ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުންފުނިތަކުން ޖޫން 6 ގެ 13:00 ގެ ކުރިން އެމްއެމްޕީއާރުސީގެ މެމްބަރު ޕޯޓަލް މެދުވެރިކޮށް ބައިވެރިވުމުގެތަފްސީލު ހޯއްދެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މި ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 ވަނަ އަހަރަށް މެމްބަޝިޕްއާކުރުން ފުރިހަމަވެފައިވާކަން ޔަގީން ކުރުމަށް ވެސް ވަނީ އެދިފައެވެ.