އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ހޫނުމިން 58 ޑިގްރީ ސެލްސިއެސް އަށް އަރާފައި ވާ އިރު, ހޫނުގެ ސަބަބުން އެއް ސްޓޭޓަކުން އެންމެ ގިނަ ބަޔަކު މަރުވި ތަނަކަށް އުއްތަރް ޕްރަދޭޝް ވެއްޖެއެވެ.

އެ ސްޓޭޓްގެ އިންތިހާބާ ބެހޭ ޗީފް ނަވްދީޕް ރިންވާ ވިދާޅުވީ, ވޯޓުގެ ފަހު ދުވަހު ވޯޓުލުމުގައި ހަރަކާތްތެރިވި އޮފިޝަލުންގެ ތެރެއިން 33 މީހަކު މަރުވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ސެކިއުރިޓީ ގާޑުންނާއި ވޯޓުލުމުގެ ކަންކަމުގައި އެހީތެރިވެދޭ އޮފިޝަލުން ކަމަށެވެ.

މަރުވި މީހުންގެ އާއިލާތަކަށް ބޮލަކަށް 18 ޙާށް އެމެރިކާ ޑޮލަރު ދޭން ނިންމާފައި ވާ އިރު އެ ސްޓޭޓާއި މުޅި އިންޑިއާ ހިމެނޭހެން މިހާތަނަށް ޖުމްލަ 58 މީހަކު މަރުވެފައި ވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް އެއް ސްޓޭޓަކުން 1 ދުވަހާ އެހާ ގިނަ ބަޔަކު މަރުވުމުމަކީ ސަމާލުކަން ހުއްޓުނު ސަބަބެކެވެ.

އިންޑިއާގެ ނޫހެއް ކަމަށް ވާ ހިންދުސްތާން ޓައިމްސް އިން ބުނީ ބިހާރާއި އޮޑިއްސާ އަދި މަދްރަ ޕްރަދޭޝް އަށް ވެސް ހޫނު ގަދަ ކަމަށާއި ބައްލިއާ ކިޔާ ސަރަހައްދަށް 61 ޑިގްރީގެ ހޫނުމިން ހުރި ކަމަށެވެ.

އެކްސްޕާޓުން ބުނާ ގޮތުން ހޫނުގެ ސަބަބުން ފެން މަދުވެ ހަށިގަނޑުގައި ދައުރުވާ ލޭގެ ތިކްނެސް އިތުރުވެ އޯގަންތައް ފެއިލްވާން މެދުވެރިވެއެވެ.

އިންޑިއާގައި އިއްޔެ އިންތިހާބު ނިމިފައި ވާ އިރު އެކްޒިޓް ޕޮލް އިން ދައްކަނީ ތަފާތު ބޮޑުކޮށް މޯދީގެ ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރާ ކަމަށެވެ. 543 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 350 އަށް ވުރެ ގިނަ ގޮނޑި މޯދީގެ ކޯލިޝަނުން ހޯދާ ކަމަށް ހިޔާލު ހޯދުމުގެ ނަތީޖާތަކުން ދައްކާ އިރު އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވަނީ އެ ނަތީޖާއަކީ މޯދީގެ މީޑިއާ ޓީމުތަކުން ހަދާ ޕޮލް ކަމަށާއި ހަގީގީ ނަތީޖާގައި ކޮންގްރެސް ހިމެނޭ 'އިންޑިއާ' ކޯލިޝަނަށް 295 ގޮނޑިއަށް ވުރެ ގިނައިން ލިބޭނެ ކަމަށެވެ.