އިންޑިއާގައި 6 ހަފްތާ އަށް ދެމިގެންދިޔަ އާންމު އިންތިހާބުގެ ފަހު ބުރު ނިމިފައިވާ އިރު, އެކިއެކި ފަރާތްތަކުން ހަދަމުން ގެންދާ އެގްޒިޓް ޕޮލް އިން ދައްކާ ގޮތުން 350 އެއްހާ ގޮނޑިއާއެކު އިންތިހާބު ކާމިޔާބު ކުރަނީ ބީޖޭޕީ ކޯލިޝަނުންނެވެ.
ޖުމްލަ 543 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 350 ގޮނޑި ބީޖެޕީ އާއި އެންޑީއޭ ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާ ކުރާ އިރު 27 ޕާޓީ ގުޅިގެން އުފެއްދި 'އިންޑިއާ' ކޯލިޝަނަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވަނީ, 120 އެއްހާ ގޮނޑިއެވެ.
ޗެނަލް 18 އާއި ރިޕަބްލިކް ޓީވީ އަދި އިންޑިއާ ނިއުސްގެ އިތުރުން އެންޑީޓީވީ އިން ހަދާފައި ވާ ޕޮލް ތަކުން ދައްކަނީވެސް މިއާ ދާދި އެއްގޮތް މަންޒަރެކެވެ. މައި ދެ ކޯލިޝަނުގެ ބޭރުން ދެން ހުރި ކުރި ޕާޓީތަކަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 50 އެއްހާ ގޮނޑިއެވެ.
މި ނަތީޖާގައި އިންތިހާބު ނިމިއްޖެނަމަ އިންޑިއާގެ އާ ބޮޑުވަޒީރަށް އަނެއްކާވެސް ވެވަޑައިގަންނަވާނީ މިހާރުގެ ބޮޑިވަޒީރު ނަރެންދްރަ މޯދީއެވެ.
އިންޑިއާގެ އެންމެ ބޮޑު ސްޓޭޓް ކަމަށް ވާ އުއްތަރްޕްރަދޭޝްގެ 80 ގޮނޑީގެ ތެރެއިން 65 ގޮނޑި ބީޖޭޕީ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އިރު ދެކުނު ބިތުގެ ސްޓޭޓްތައް ކަމަށް ވާ ޓެމިލްނާޑު އަދި ކެރަލާގެ މެޖޯރިޓީ ނަގާނީ އިންޑިއާ ކޯލިޝަން ކަމަށް ވެސް އަންދާޒާ ކޮށްފައި ވެއެވެ.
އިންތިހާބު މިއަދު ނިމި ވޯޓުގެ ނަތީޖާއަށް އެންމެންވެސް އިންތިޒާރު ކުރާ އިރު, އެބަޔަކު ނިސްބަތްވާ ކޯލިޝަންތަކުން ދަނީ ކާމިޔާބު ވާނީ އެބަޔަކަށް ކަމަށް ބުނެ އަމިއްލަ ނަތީޖާތަކެއްވެސް ހާމަ ކުރަމުންނެވެ. އެގޮތުން ކޮންގްރެސް ލީޑް ކުރާ އިންޑިއާ ކޯލިޝަނުން ބުނަޖީ ބީޖޭޕީއަށް 140 ގޮނޑިވެސް ނުލިބޭނެ ކަމަށެވެ.
970 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު މި އިންތިހާބަކީ އިލެކްޓްރޯނިކް ވޯޓިންގެ ޒަރީއާއިން ވޯޓުނެގުން ކުރިއަށް ދިޔަ އިންތިހާބެއް ކަމުން ނަތީޖާ ސާފުކުރަން ލަހެއް ނުވާނެއެވެ. ވޯޓުލާ އެންމެންގެ ރެކޯޑް އެ މެޝިންތަކުގައި ރެކޯޑް ކުރެވިފައި ހުންނަ އިރު, އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންނާއި ކަމާގުޅޭ އެހެނިހެން އޮފިޝަލުންގެ ހާޒިރުގައި ކޮންމެ މެޝިނެއްގައި ޖަހާ ސިލް ވަކިވަކިން ކަނޑާ ބަޓަނަކަށް ފިތާލާއިރަށް ނަތީޖާ އެނގޭނެއެވެ.
މި އިންތިހާބު މޯދީ އަށް ކާމިޔާބުވެވަޑައިގެންފި ނަމަ ދެން ފެށޭނީ އޭނާގެ 3 ވަނަ ދައުރެވެ.