ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރިގޮތުން، ބޭރުގެ މާލީ ބައެއް އިދާރާތަކުން ރާއްޖެއަށް އެހީތެރިކަން ދިނުމަށް ފަސްޖެހޭ ކަމަށް، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ ހަ މަސްދުވަހު ފިނޭންސް މިނިސްޓްރީން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މާލީ އެހީތެރިކަން ދިނުމުގެ ކުރިން، ބައެއް ކަންކަން ރަނގަޅުކުރުމަށާއި އެހެން ނޫން ނަމަ އެހީތެރިކަން ދޭން ދަތިވާ ކަމަށް އިދާރާތަކުން އަންގާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އަގުހެޔޮކޮށް ލޯނު ނެގުމަށް ކަމަށެވެ.

ޝަފީގު ވިދާޅުވީ، މި އަހަރު ކުރީކޮޅު ބޮރޯވިން ޕްލޭނެއް މިނިސްޓްރީން އިއުލާނުކޮށްފައިވާ ކަމަށާއި، މި ޕްލޭން އިއުލާނުކުރި ފަހުން އަމިއްލަ ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް އަގުބޮޑުކޮށް ލޯނު ނަގަން ބޭނުންނުވާ ކަމަށެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރަނގަޅަށް ނިންމާލެވުނު ކަމަށާއި ޑެފިސިޓް ކުޑަކުރެވިގެން ދިޔަ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނަ ކަމަށެވެ.

އަދި އެކަންކަން ބޭރުގެ ޖަމިއްޔާތަކުން ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ސަބަބުން ދަތިތައް ނުވާނެ ގޮތަށް ބަލައިގެން މެނޭޖްކުރީ، އަގުބޮޑުކޮށް ބޮރޯކުރި ނަމަ ރިކަރިން ކޯސްޓް ބޮޑުވާނެ، ވަރަށް ބޮޑަށް ރައީސްގެ އިރުޝާދާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާ މިއީ، މި މަސައްކަތްކުރަނީ ވީހާ ވެސް ބޮޑަކަށް މިސްޓޭކް ނަހަދާ ކުރިއަށް ދެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.