ފިޗުން ދީފައިވާ އިރުޝާދާއެކު ބޭރުގެ ފައިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލު ހޯދުމަށް އާމްދަނީއާއި ހަރަދުގެ ސިޔާސަތުތައް ވަށައިޖެހޭ ރިފޯމެއް ގެންނަން ތައްޔާރުވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން "ސީސީސީ" އިން "ސީސީ" އަށް ދަށް ކުރުމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލީ ހާލަތާއި ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަ ކުރުމަށް ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން އެއާޕޯޓު ޓެކްސް އާއި ގްރީން ޓެކްސްގެ ރޭޓާއި ސިއްހަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތިކުރުމަށް ނިންމާފައިވާ ކަމަށް ވެއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި ޖީއެސްޓީ ގާނޫނު އިސްލާހުކޮށް ޓެކްސް ބޭސް ފުޅާކުރުމަށްވެސް ނިންމާފައިވާ ކަމަށް ފިނޭންސުން ބުނެއެވެ.

އަދި ހަމައެހެންމެ އާމްދަނީ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ޑޮލަރުގެ އާމްދަނީ އިތުރު ކުރުމުގެ އިތުރުން ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށް ވެސް ފަސޭހަވާނެ ކަމަށް ބުނެއެވެ.

އޭގެއިތުރުން ފިސްކަލް ސިޔާސަތަށް ގެނެވޭ ބަދަލުތަކަކީ ދައުލަތުން ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް، ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހާލަތު ރަނގަޅު ކުރުމުގެ މަގުސަދުގައި އެކުލަވާލައި ތަންފީޒު ކުރުމަށް ރާވާފައިވާ ބަދަލުތަކެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި އާމްދަނީ އިތުރު ކުރުމާއި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފެށުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ކަމަށް ބުނެއެވެ.

"2028 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 90 ޕަސަންޓަށްވުރެ ކުޑަ ކުރެވޭނެ. މިއާއެކު، މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ،"
ފިނޭންސް

މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ފާހަގަކުރަމުން ފިޗް އިން ބުނީ ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާޓްނަރުންނާ އެކު ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން އެއްބަސްވުން ހެދުމަކީ ވެސް ބޭރުގެ މާލީ އެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ.

މީގެ އިތުރުން ފިޗް އިން ވަނީ އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒު ކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައެވެ.