އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަފީގް ވިދާޅުވީ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ރާއްޖޭގެ އިޖުތިމާއީ ހުރިހާ މައްސަލަތަކެއް ވެސް ގުޅިފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ކަމަށެވެ. ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހައުސިންއަށް ޓޯޓަލް ސޮލިއުޝަން ހޯދުމަކީ މި ސަރުކާރުގެ އަމާޒެއް ކަން ޝަފީގް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލެއްގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަން ޝަފީގް ފާހަގަކުރެއްވިއެވެ. މިހާރު ކުރިއަށް ދާ އިންޑިއާގެ އެލްއޯސީ (ލައިން އޮފް ކްރެޑިޓް)ގެ ދަށުން، މި އަހަރުގެ ތެރޭގައި 4،000 ހައުސިން ޔުނިޓެއް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަފީގް ވިދާޅުވިއެވެ. ނަމަވެސް މި ފްލެޓް އަޅާނީ ރާއްޖޭގެ ކޮން ސަރަހއްދެއްގައި ކަން މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.
އިންޑިއާ ސަރުކާރުން 2018 ވަނަ އަހަރު ވަނީ ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް ލޯނެއް ދީފައެވެ. އަދި އެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި 2022 ވަނަ އަހަރު ވަނީ އެ ކްރެޑިޓް ލައިންގެ ދަށުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަމަޖައްސައި ދީފައެވެ.
އެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން ފްލެޓުތަކުގެ މަޝްރޫއު ހިންގުމަށްޓަކައި އިތުރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އިންޑިއާއިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަފީގް މިއަދު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ 2 ގައި އިންޑިއާގެ ދެ ކުންފުންޏަކުން މިހާރު އިމާރާތް ކުރަމުން އަންނަ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓަކީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގައި ހަދަމުން އަންނަ އިމާރާތްތަކެކެވެ.