ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކުރާ މަސައްކަތް ފާހަގަކޮށް ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ގީފާ) 2024ގެ ލީޑާޝިޕް އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ރާއްޖެއަށް ދީފައި ވަނީ ރޭ ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އޮތް ގީފާ 2024 ހަފްލާގައެވެ. މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.

ރޭގެ ހަފްލާގައި އިސްލާމިކް ފައިނޭންސް އާ ގުޅުން ހުރި އެކި ދާއިރާތަކުން ރާއްޖޭގެ ކުންފުނިތަކަށާއި އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ހަރަކާތްތެެރިވެވަޑައިގަންނަވާ އެކި ފަރާތްތަކަށް ވަނީ އެވޮޑް ލިބިފައެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކަށާއި މިހާރު ވެސް އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ކޮށްދެއްވަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ގީފާ އިން ވަނީ ގީފާ ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަޝިޕް އެވޯޑު ޑރ. ވަހީދަށް އަރުވާފައެވެ.

ހަމައެއާއެކު ޕައިނިއާ އިން ތަކާފުލް އެވޯޑް 2024 އަމާނާ ތަކަފުލް މޯލްޑިވްސް ލިބިފައިވާ އިރު، ނޮން ބޭންކް އިސްލާމިކް ފައިނޭންސިން 2024 އެވޯޑު ވަނީ އެލިއާ އިންވެސްޓުމެންޓްސް އަށް ލިބިފައެވެ. ގީފާ އެކްސެލެންސް އެވޯޑް، އިސްލާމިކް ބޭންކިން 2024 އެވޯޑު ބީއެމްއެލް އިސްލާމިކް އަށް ލިބިފައިވާ އިރު، ގީފާ އެކްސެލެންސް އެވޯޑް، ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑު ލިބިފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކަށެވެ.

މީގެ އިތުރުން އިސްލާމިކް ފައިނޭންސް އެޑްވޮކަސީ އެވޯޑު ޕްރޮފެސާ ޑރ. އާއިޝަތު މުނީޒާ އަށް ލިބިފައިވާ އިރު، ޓްރާންސްފޮމޭޝަން ލީޑާގެ އެވޯޑު ލިބިފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމާރީ އަށެވެ.