ދައުލަތުން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އަހަރު ކަމަށްވާ 2026 ވަނަ އަހަރުގެ ދަރަނީގެ ބައެއް އަދާކުރުމަށް އަންނަ އަހަރު 4.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ޝަފީގް މހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ ފިސްކަލް ސްޓްރެޓެޖީއާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަފީގު ވިދާޅުވީ 2026 ވަނަ އަހަރު އެއް ފަހަރާ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ އިރު، އެއަށް ތައްޔާރުވުމުގެ ގޮތުން ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ފައިސާ ޖަމާކޮށް އިންވެސްޓް ކުރާނެ އިތުރު މީހުން ހޯދޭނެ ވަރުގެ ފަންޑެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. 500 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާއެވެ.

ދަރަނި ރީފައިނޭންސް ކުރަން ނަގާނީ 300 މިލިއަން ޑޮލަރު ކަމަށާއި އެ ދަރަނި އެއް ފަހަރާ ދެއްކުމުގެ ބަދަލުގައި އަހަރުތަކަށް ބަހާލައިގެން ދެއްކޭނެ ފަދަ ގޮތަކަށް ހަމަޖއްސާނެ ކަމަށް ޝަފީގް ވިދާޅުވިއެވެ. އެގޮތުން ދަރަނި ދެއްކުމަށް އަންނަ އަހަރު ނަގާނީ 4.6 ބިލިއަން ރުފިޔާއެވެ. އެއް ފަހަރާ ބުލެޓް ޕޭމެންޓެއް ގޮތަށް 300 މިލިއަން ޑޮލަރު ދައްކަން ނުވިސްނަވާ ކަމަށާއި ބޭނުންވަނީ އެ ދަރަނި ވީހާ ވެސް ލުއި ގޮތަކަށް ސެޓަލް ކުރެވޭ ގޮތަށް ސްޓްރަކްޗާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރު 300 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ނިންމާފައިވާ އިރު 2026 ވަނަ އަހަރު ދަރަނި އަދާކުރަން އެސްޑީއެފް އިން 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ. އެ އަހަރު އަންނަންވާ އިރު، އެފަންޑަށް 250 މިލިއަން ޑޮލަރު ޖަމާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަން ކުރުމަށްޓަކައި އެސްޑީއެފްއަށް ޖަމާކުރާ އަދަދު ބޮޑު ކުރުމަށް އެއާޕޯޓު ޑިވަލޮޕްމެންޓް ފީ ބޮޑު ކުރުމަށް ވެސް ސަރުކާރުން ވަނީ ރާވައިފައެވެ.

ސަރުކާރުން 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނި 15 ބިލިއަން ރުފިޔާއަށް އަރައެވެ. އަންނަ އަހަރު ވެސް 10 ބިލިއަން ރުފިޔާ ދަރަންޏަށް ދައްކަން ޖެހޭ އިރު، ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެއެވެ.