މި ސަރުކާރު ހަވާލުވުމަށް ފަހު މިއަދުގެ މިހާތަނަށް ދަރަނީގެ ގޮތުގައި 11.3 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ވޭތުވެދިޔަ ހަ މަސްދުވަހު ފިނޭންސް މިނިސްޓްރީން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރު ފެށުމާއެކު ސަރުކާރުން ލޯން ހޯދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، ދެ ފުށް ފެންނަ ގޮތަކަށް ލޯން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި، މިއަދާ ހަމައަށް އެ އަދަދު 50 މިލިއަނަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 100 މިލިއަން ޑޮލަރަށް އިތުރުކުރުން ކަމުގައިވެސް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭ ތަފްސީލުދެއްވަމުން މިނިސްޓަރު ވިދާޅުވީ:
- ސަރުކާރުގެ އިދާރާތަކަށް ދައްކަން ޖެހޭ 6.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް
- އަމިއްލަ ފަރާތްތަކަށް 4.9 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް
- އެއީ ޖުމްލަ 11.3 ބިލިއަން ރުފިޔާ
"މީގެ އިތުރުން އެސްއޯއީ ރިފޯމް ޕްރޮގްރާމަކީ މުހިންމު ޕްރޮގްރާމެއް ކަމުގައި ދެކެން، ސަބަބަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ކުރެވޭ ހޭދަ، އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާގޮތުގަ ކުންފުނިތައް މިހާރަށް ވުރެ އެފިޝެންޓްވާން އެބަ ޖެހޭ، ހަރަދުތައް ކުޑަކުރެވެން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
"އަދި ޖުމްލަކޮށް ބަލާލާއިރު ސަރުކާރުގެ ހަރަދުތައް ވެސް މިހާރަށްވުރެ ކުޑަކޮށް އިސްރާފުގެ ބައި ކުޑަކުރެވެން އެބަޖެހޭ،"
ސަރުކާރުން މަސައްކަތްކުރަމުން މި ދަނީ ހަރަދުކުޑަ ކުރެވެން ހުރި އޭރިޔާތަކުން ހަރަދުކުޑަ ކޮށް އިސްރާފު ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތް ހަދައި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމަ އެއާއެކު އެސްއޯއީތަކުގެ ތެރެއިން 25 އަށް ވުރެ ގިނަ އެސްއޯއީތަކުގެ ހިސާބުތައް މިނިސްޓްރީން މުރާޖައާކުރަމުން ދާ ކަމަށާއި، ސަބްސިޑީ ދޭ މިންވަރު ކުޑަކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.