ދެކުނު އޭޝިއާ އަށް ޔޫރޯގެ ރައިޓްސް ދޫކުރާ އިންޑިއާގެ ސޮނީ އަށް ދޭން އޮތް އަށް މިލިއަން ރުފިޔާ ދައްކާނެ ގޮތެއް ހަމަޖެއްސުމަށް ފަހު، ދައުލަތުގެ މީޑިއާ އިން މި އަހަރުގެ ޔޫރޯ މުބާރާތް ގެނެސްދޭން ނިންމައިފިއެވެ.
ކޮންމެ ހަތަރު އަހަރުން އެއް އަހަރު ވިލާތުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ، ނުވަތަ ޔޫރަޕިއަން ޗެމްޕިއަންޝިޕް މި އަހަރު ބާއްވަނީ ޖަރުމަންވިލާތުގައެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގެ ކަވަރޭޖް ދައުލަތުގެ މީޑިއާއިން ގެނެސްދީފައިނުވާ ކަން ފާހަގަކޮށް، ސޯޝަލް މީޑިއާގައި ބައެއް މީހުން އޭރު ޝަކުވާވެސް ކޮށްފައި ވެއެވެ.
ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ރާއްޖޭގައި ޔޫރޯގެ ހުރިހާ މެޗުތަކެއް ދެއްކުމުގެ ހުއްދަ އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި، މާލީގޮތުން ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށެވެ.
ޒީނާ ވިދާޅުވި ގޮތުގައި، ޔޫރޯ ގެނެސްދޭން ބެލިއިރު ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ސޮނީ ކުންފުންޏަށް 2018 އިން ފެށިގެން ޕީއެސްއެމުން އަށް މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް އޮތުމެވެ. އެހެންކަމުން މިފަހަރު އާންމުންނަށް ޕީއެސްއެމުން ޔޫރޯގެ މެޗުތައް މި ގެނެސްދެނީ އެ އަށް މިލިއަން ރުފިޔާ ދައްކަން ޕްލޭނެއް ހަދައި، އަންނަ މާޗް މަހުގެ ނިޔަލަށް އެއްކޮށް، ކޮންމެ މަހަކު މިވެނި އަދަދަކަށް ފައިސާ ދައްކާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޕީއެސްއެމްގެ ޔޫރޯ ކަވަރޭޖްގެ ސްޕޮންސަރުން ވަރަށް އަވަހަށް ހާމަކޮށް ލޯންޗިން ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ސީދާ ތާރީހެއް ވިދާޅެއްނުވިއެވެ.
މިފަހަރުގެ ޔޫރޯ މުބާރާތް ގެނެސްދޭނީ ޕީއެސްއެމްގެ ޓީވީއެމާއި ޔެސް ޓީވީންނެވެ.
މިއީ ދުނިޔޭގެ ތާރީހުގައި ބާއްވާ 17 ވަނަ ޔޫރޯ މުބާރާތެވެ. ކޮވިޑް-19 ގެ ސަބަބުން އެންމެ ފަހުން ޔޫރޯ މުބާރާތް ބޭއްވީ ވިލާތުގެ އެކި ގައުމުތަކުގައެވެ. އެފަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ އިޓަލީންނެވެ. އެއީ އިޓަލީން މީގެ ބައި ގަރުނު ކުރިން ޔޫރޯ މުބާރާތް ކާމިޔާބުކުރުމަށް ފަހު، މޮޅުވި ދެވަނަ ފަހަރެވެ.