ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެއްވަނަ މާކެޓުކަމަށާއި ޗައިނާ އިން ރާއްޖެއަށް ސީދާ ދަތުރުތައް އިތުރުކުރުން މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ޝެންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރުގަައި ބާއްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ބާއްވާ މޯލްޑިވްސް މީޑިއާ މީޓް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ލަގްޒަރީ ރިސޯޓުތަކަށް މަޝްހޫރު ޑެސްޓިނޭޝަނަކަށް ވިޔަސ،ް ލަގްޒަރީ ޓޫރިޒަމާއެކު ފަތުރުވެރިކަމުގެ އިތުރު ޕްރޮޑަކްޓުތައް ތައާރަފު ކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.

ދާދި ފަހުން ފުޖިއަން އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެޅުނު ބޮޑު ފިޔަވަޅެއ.ް ޗައިނާގެ ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދިނުމަށް މިފަދަ އިތުރު ގުޅުންތައް ގާއިމް ކުރުމަށް އަޅުގަނޑު ވައުދުވަން،
މިނިސްޓަރު ފައިސަލް

ފައިސަލް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއިން ކޮންމެ ފަތުރުވެރިއެއްވެސް ބޭނުންވާ ކޮންމެވެސް އެއްޗެއް ލިބެންހުންނާނެ ކަމަށާއި އެގޮތުން ލަގްޒަރީ ޗުއްޓީއެއް، ކޮންފަރެންސެށް ބާއްވާނެ ހާއްސަ ތަނެއް، ނުވަތަ ސަގާފީ ތަޖްރިބާ އެއް ބޭނުންވިޔަސ،ް އެ ފުރުސަތު ރާއްޖެއިން ފަހިކޮށްދޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީ، ވިޒިޓް މޯލްޑިވްސް އިން ބާއްވާ މޯލްޑިވްސް މީޑިއާ މީޓް އަކީ މި މަހުގެ 27 އިން 29 ގެ ނިޔަލަށް ބާއްވާ މީޓެކެވެ. އައިޓީބީ ޗައިނާއަކީ ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެންމެ ބޮޑު އެއް ޓްރޭޑް ޝޯއެވެ. މިއީ ދާއިރާގެ ފަންނުވެރިން އެއްތަނަކުން ދިމާވާ ފަދަ ޕްލެޓްފޯމެކެވެ. މި ފެއާގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ނެޓްވޯކިން އިވެންޓްތަކާ ޒަމާނީ ސިސްޓަމްތައް ބޭނުންކުރެއެވެ.

އެމްއެމްޕީއާރުސީއިން ދަނީ ޗައިނާގައި ރާއްޖޭގެ ޕްރެޒެންސް ދެމެހެއްޓުމަށާ އަރައިވަލް އިތުރުކުރުމުގެ މަސައްކަތުގެ ދަށުން ގިނަ ހަރަކާތްތައް ރާވާ، ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ލީޑިން ޕަބްލިކޭޝަންތަކާއި މަޖައްލާތަކާއެކު ޓާގެޓްޑް މާކެޓިން ހަރަކާތްތައް ހިންގުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ސްޓްރެޓަޖީގައި އައުޓްޑޯ އިޝްތިހާރުތަކާ، ބޮޑެތި އެއާލައިންތަކާއެކު ކޯޕަރޭޓިވް މާކެޓިން ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.