ސައުދީ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އެމްއެމްޕީއާރްސީއިން ރިޔާދް ޓްރެވަލް ފެއާގައި ބައިވެރިވެއްޖެއެވެ.
މި މަހުގެ 27 އިން 29 އަށް ސައުދީ އަރަބިއާގެ ރިޔާދުގައި ބާއްވާ ރިޔާދު ޓްރެވަލް ފެއާގައި އެމްއެމްޕީއާރުސީން މި ވަގުތު ރާއްޖެ އިސްތިހާރުކުރަމުންދާއިރު އެމްއެމްޕީއާރްސީއިން ބުނީ ސައުދީގެ ވެރި ރަށް ކަމުގައިވާ ރިޔާދުގައި ބާއްވާ އެ ފެއާއަކީ ފަތުރުވެރިކަމަށް ހާއްސަކޮށް ސައުދީއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިކަމާ ބެހޭ ބޮޑެތި ކުންފުނިތަކުން ބައިވެރިވެ، އެކި ގައުމުތަކުގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ އަހަރީ އިވެންޓެއް ކަމަށެވެ.
އެ ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ސައުދީ އަރަބިއާގެ މާކެޓްގައި ޕްރޮމޯޓްކޮށް، ސައުދީއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށާއި މި އަހަރުގެ ފެއާ ގައި 17 ފަރާތުން 9 ކުންފުނި ތަމްސީލު ކުރާ ކަމަށް ވެސް އެމްއެންޕީއާރްސީއިން ބުނެއެވެ.
އެމްއެމްޕީއާރްސީއިން ބުނީ އެ ފެއާގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން އަދި ފަތުރުވެރިކަމާއި ބެހޭ ޕްރޮފެޝަނަލް ފަރާތްތަކެއް ވެސް ބައިވެރިވެފައިވާ ކަމަށާއި ރާއްޖޭގެ ސްޓޭންޑް ތައްޔާރުކުރެވިފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކައް ރާއްޖޭގެ ފަތުރުވެރިކަމުގެ ރީތިކަން ދައްކުވައިދޭ ގޮތަށް ކަމަށެވެ. އަދި ލަގްޒަރީ، ފެމެލީ، އެޑްވެންޗާ އަދި ކަލްޗަރަލް ޓޫރިޒަމް ދައްކުވައިދޭ ފަތުރުވެރިކަމާއި ބެހޭ ގިނަގުނަ މައުލޫމާތުވެސް ރާއްޖޭގެ ސްޓޭންޑުން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެމްއެންޕީއާރްސީއިން ބުނީ ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ކޮންޓެސްޓަކާއި ގިވްއަވޭއެއް ވެސް މި ސްޓޭންޑުގައި ހުންނާނެ ކަމަށާއި ހަމައެހެންމެ ކެލިގްރެފީ ކޯރނާއަކާއި ދިވެހި ސަގާފީ ކެއުންތަކުގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އެ އިވެންޓު ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓްގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރިސޯޓް، ހޮޓެލް އަދި ގެސްޓް ހައުސް ވިޔަފާރިން ފަތުރުވެރިންނަށް ލިބޭ ގިނަގުނަ ހިދުމަތްތައް އިޝްތިހާރު ކުރެވިގެން ދާނެ ކަމަށާއި އެ ފެއާގައި ބައިވެރިވާ އެހެން ގައުމުތަކާއި ގުޅުން ބަދަހިކޮށް މެދުއިރުމަތީގެ މަރކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށް އެކި ފުރުސަތުތައް ފަހި ވެގެންދާނެ ކަމަށް އެމްއެންޕީއާރްސީއިން ބުނެއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިކަހަލަ އިވެންޓު ތަކުގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީ އެމްއެމްޕީއާރުސީގެ މާރކެޓިންގ ސްޓްރެޓެޖީގައި ހިމެނޭ ކަމަށްވެސް އެމްއެންޕީއާރްސީއިން ވަނީ ބުނެފައެވެ.