ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންފިއެވެ.

މި މަހާސިންތާއަކީ " ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ގައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުންނާ ދެމެދު ބޭއްވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދެމެހެއްޓެނިވި އަދި ވިލުންތެރި މުސްތަގުބަލެއް ހޯދުމަށް ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރެވިގެން ދާނެއެވެ.

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ހާއްސަ ގައުމީ ބަޔާން އިއްވަވާ ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ 1994 ވަނަ އަހަރު ބަބެޑޯސްގައި ބޭއްވި ސިޑްސް ސަމިޓުގައި އެކުލަވާލި ފުރަތަމަ މަގުޗާޓަށް މިއަދު 30 އަހަރު ވެފައިވާއިރު، މިއަދު ސިޑްސްއިން ތައްޔާރުވަމުންދަނީ 4 ވަނަ މަގު ޗާޓު އެކުލަވާލުމަށްކަމަށާއި ނަމަވެސް މިދިޔަ 30 އަހަރު ތެރޭގައި ސިޑްސްއަށް ހާސިލުކުރެވެނު ކަންތައްތަކަކީ ކޮބައިތޯ މިއަދު ބަލާލުން މުހިއްމުކަމަށެވެ.

އަދި ސިޑްސްގެ ގައުމުތަކުގައި ފަގީރުކަން އެބައޮތްކަމަށާއި، މުސޫމީގޮތުން ކާރިސާގެ މައްސަލަ ބޮޑުވަމުންދާއިރު، ވަށައިގެންވާ ތިމާވެށި ދަނީ ނެތި ފަނާވަމުންކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރައީސް ވިދާޅުވީ ސިޑްސްގެ ގައުމުތަކުން ތަރައްގީގެ މަސައްކަތުގައި އެހެން ފަރާތްތަކަށް ބަރޯސާވުން ހުއްޓާލައި އަމިއްލަ ފައި މައްޗަށް ތެދުވަންޖެހޭކަމަށެވެ.

ރައީސް ޑރ. މުއިއްޒު ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ މަހާސިންތާ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އާއި އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު އެޗްއީ ގެސްޓޮން ބްރައުންއެވެ.