ސިޑްސްގެ ގައުމު ތަކުގެ އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އދ ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ކުރިއަށްދާ "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް" ގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސްގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޑްސް ނުވަތަ ކުދި ގައުމުތަކުގެ އިގްތިސާދު ބަރޯސާވެފައިވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދު ސިންދަފާތުކުރުމަށް މާލީ އެހީ ބޭނުންވާކަމަށާއި، މި ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ މަސައްކަތްކުރުމަށް ގޮވާލާފައެވެ.

ސިޑްސްގެ ގައުމުތަކުގެ 40 ޕަސެންޓު މިހާރު ވެސް ތިބީ ދަރަނީގެ ދަތިކަމުގެ ތެރޭގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް ކަމަށެވެ. ރައީސް ވިދާޅުވީ، މެއި މަހު ބޭއްވި ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި ސިޑްސް ޑެބްޓް ސަސްޓައިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) އިފުތިތާހުކުރެވިފައި ވާކަމަށެވެ. އަދި ޑީއެސްއެސްއެސްއިން ދަރަނި މެނޭޖުކުރުމަށް ދެމެހެއްޓެނިވި އުސޫލުތަކެއް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަންނަވަމުން ރައީސް ވަނީ މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގައި މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކީ ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި، އެ މަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދ. ގެ މި ބައްދަލުވުމުގެ ހަވާސާގައި ކުރައްވާނެ ކަމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިއީ ރައީސް އެމެރިކާއަށް އަދި އދ. އަށް ވެސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅަށް ވާއިރު، އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގަންނަވާނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.