މޫސުމީ ކާރިސާއާ ގުޅިގެން ދުނިޔޭގެ ލީޑަރުން ވެވަޑައިގަންނަވަމުންދާ ވައުދުތަކުގެ ނަތީޖާ ފެންނާނޭ ފަދަ އަމަލުތަކަކަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29) ގެ ހަވާސާގައި ބޭއްވި ލީޑަރުންގެ ސަމިޓުގައެވެ.

މި ބައްދަލުވުމުގައި އިއްވެވި ބަޔާނުގައި ރައީސް މުއިއްޒު ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތައް ފުއްދައި ދިނުމުގައި އަދުގެ މާލީ ނިޒާމު ނާކާމިޔާބު ވެފައިވާ ކަމަށް ވިދާޅުވެފައެވެ. މާލީ ވަސީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއްގެ ގޮތުގައި ރައީސް ސިފަފުޅު ކުރެއްވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްގީ ގެއްލިގެންދާ ކަމަށާއި އަދުގެ މާލީ އޮނިގަނޑަކީ، ކުދި ޖަޒީރާ ގައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނެ ގޮތަކަށް ފަރުމާކުރެވޭ އޮނިގަނޑެއްކަން ކަށަވަރުކުރުމަށް ރައިސް ގޮވާލެއްވިއެވެ. އަދި އެކަމަށް ބޭނުންވާ ތިން ކަމެއް ފާހަގަކުރެއްވިއެވެ.

އެއީ އދ. އާއި، ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ލިބުމާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މައާފުކޮށް ދިނުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތަށް ދޭ ބަދަލުގެ ގޮތުގައި ކްރެޑިޓް ވާދިނަސް މާނަކުރާ ގޮތް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ މާލިއްޔަތަށް ހާއްސަ، އަދި ސިޑްސްގެ ހަގީގީ ބޭނުންތައް ތަމްސީލުވާ ފަދަ، ކުރިއަށް ވުރެ ހަރުދަނާ، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެންސީކިއުޑީ) ކަނޑައެޅުމަށާއި، ބައިނަލްއަގްވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަމިޓުގައި ރައީސް މުއިއްޒު ވަނީ، ރާއްޖެއިން އަޅާފައިވާ ބަދަލުގެނުވަނިވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިގްތިސޯދީ އަދި ތަރައްގީ އާއި ހަކަތަ އުފެއްދުން ފަދަ ފިޔަވަޅުތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ކަންކަމުގައި ފިޔަވަޅުތައް އެޅުމަށް އެދި އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ވައުދުތައް އަމަލީގޮތުން ދެއްކުމަށް ގޮވާލައްވާފައެވެ.