ސިޑްސް ޑެބްޓް ސަސްޓައިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) އާއިއެކު ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މާލީ އެހީ ލިބިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޑްސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯ ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޑީއެސްއެސްއެސް ހިންގަން ފެށުމުން ސިޑްސް ގައުމުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ އާ އަމާޒެއް ފެށުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. ސިޑްސް ގައުމުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގައުމުތަކަކީ މިހާރުވެސް ދަރަނީގެ ދަތިކަން ކުރިމަތިވެފައިވާ ނުވަތަ އެ ހާލަތާ ކައިރިވެފައިވާ ގައުމުތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ގައުމުތަކަށް މާލީ އެހީ މިވަގުތު ބޭނުންވެފައިވާ ކަމަށެވެ.
އަދި ސިޑްސް ގައުމުތަކަށް ކަނޑައަޅާފައިވާ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާގައި (އޭބީއޭއެސް) ބަޔާންކޮށްފައިވާ ވިލުންވެރި ތަރައްގީގެ އުންމީދުތައް ހާސިލުކުރުމަށްޓަކައި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއާއެކު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހަލާކުވުމާއި، ތަގައްޔަރުވުމާ ގުޅިފައިވާ ގޮންޖެހުންތަކަށްވެސް އެދެވޭ ހައްލެއް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 4 ވަނަ އިންޓަނޭޝަނަލް ކޮންފެރެންސް އޮން ފައިނޭންސިން ފޯ ޑެވެލޮޕްމެންޓު (އެފްއެފްޑީފޯ) އަކީ ޑީއެސްއެސްއެސް އަށް ގިނަ ބައެއްގެ ސަމާލުކަން ހޯދުވާ ޑީއެސްއެސްއެސްގެ މަސައްކަތަށް ދުނިޔޭގެ ފެންވަރުގައި ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ.
ޑީއެސްއެސްއެސް އިފްތިތާހުކުރެވިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.