އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ މަގާމް ތަކަށް އިންތިހާބުވި މެންބަރުންގެ ނަންތައް އިއުލާން ކޮށްފިއެވެ.
ޕާލިމަންޓަރީ ގްރޫޕްގެ ޕީޖީ ލީޑަރު ކަމަށް އައްޔަން ކޮށްފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. އަދި ޑެޕިއުޓީ ޕީޖީ ލީޑަރު ކަމަށް އައްޔަން ކޮށްފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ.
އިތުރު މަގާމްތަކަށް އައްޔަން ކޮށްފައިވާ މެންބަރުންނަކީ:
- ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
- ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު
- ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
- ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ގެއްލި ސުޕާ މެޖޯރިޓީ އާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާ އިރު އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސް ކަމާއި ނައިބު ރައީސް ކަން ލިބޭނެއެވެ.
އެގޮތުން އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސަކަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް ހޮވަން ނިންމާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާ އިރު، މިއީ ތާރީހުގައި ވެސް މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިއްބާވާނެ ދައުރެވެ. މި ދައުރުގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު 09:00 ގައެވެ.