މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތައް ދިވެހިންނާއި ހަވާލު ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ދެން މިސްކިތްތައް ފޮޅައި ސާފު ކުރުމުގެ މަސައްކަތްކުރާނީ ދިވެހިން ކަމަށެވެ. އެގޮތުން ކައުންސިލުން ހުޅުމާލޭގައި ބަލަހައްޓަމުންދާ 10 މިސްކިތަކާ، މާލޭގައި ބަލަހައްޓަމުންދާ 22 މިސްކިތެއް އަދި ވިލިމާލޭގައި ބަލަހައްޓަމުންދާ 2 މިސްކިތެއްގެ މަސައްކަތްކުރާނީ ދިވެހިން ކަމަށެވެ.

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް 200 އަށްވުރެ ގިނަ ދިވެހިން ހޯދަން މާލެ ސިޓީ ކައުންސިލުން ފުރަތަމަ އިއުލާންކުރުމުން އެކަމަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު 114 ދިވެހިން ހޯދަން އިއުލާން ކުރުމުން އެޕްލިކޭޝަން ހުށަހެޅީ އެންމެ 14 މީހުންނެވެ. ތަރުހީބު ދަށްވުމުން ކައުންސިލުން ވަޒީފާގެ އުސޫލަށް ބަދަލު ގެނެސް އެ މަގާމަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ހާއްސަ ކުރުމަށް ނިންމާ އަލުން އިއުލާކުރިއެވެ. އެގޮތުން 110 މީހުން ހޯދަންކުރި އިއުލާނަށް 230 މީހުން ވަނީ އެޕްލައިކޮށްފައެވެ.

މިސްކިތްތައް ފޮޅާ ސާފުކުރުމަށް މުސާރައިގެ ގޮތުގައި މަހަކަށް 12،000 ރުފިޔާ ދިނުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު މީގެ ކުރިން މާލޭގެ މިސްކިތްތައް ކުރިން ސާފުކުރަމުން އައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.