ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދު ކޮށްފިއެވެ.

ސުޕްރީމް ކޯޓު މިއަދު ހައި ކޯޓުގެ ހުކުމަށް ތާއިދުކޮށް އެ ކޯޓުގެ ނިންމުމާ އެއްގޮތަށް، ވަޒީފާއިން ވަކިކުރި 10 މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށެވެ. މި މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލުމަށް 2019 ވަނަ އަހަރު ނެގި އިމްތިހާނެއްގައި ވަކި އަދަދަކަށް މާކްސް ނުލިބުނު މީހުންނެނެވ. އޭރު ވަޒީފާއިން ވަކިކުރީ ހައި ކޯޓު، ކްރިމިނަލް ކޯޓު. ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.

އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ނިންމާފައި އޮތީ އެ މީހުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މީހުންނަށް އަލުން ވަޒީފާދިނުމަށެވެ. އެހެންނަމަވެސް އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ހައި ކޯޓުން ވެސް ވަނީ އެމީހުންނަށް އަލުން ވަޒީފާ ދިނުމަށް އަންގާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާ އިން ވަކި ކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށެބެ. އަދި މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން، މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުން ނިންމާފައި އޮތް ނިންމުން ރަނގަޅު ކަމަށެވެ.

މީގެ އިތުރުން އެ 10 މީހުންގެ ވަޒީފާ އަލުން އިޔާދަކުރުމަށް ސްޕްރީމް ކޯޓުން ހުކުންކޮށްފައިވާއިރު އެގޮތަށް ކަނޑައެޅީ ދައުވާ ކުރާ އެކެއްގެ ވަޒީފާ އިޔާދަކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ނިންމާފައި އޮތުމުންނެވެ. އެ ހުކުމުގައިވަނީ އެކެއްގެ ވަޒީފާ އިޔާދަކޮށްދިނުމަށް ފަހު، އެހެން މީހުންގެ ވަޒީފާ އިޔާދަނުކޮށްދޭން އުޅޭ މަގުބޫލު ސަބަބެއް ޖޭއެސްސީއަށް ކޯޓުގައި ބަޔާންކޮށްދެވިފައިނުވާ ކަމަށާއި އަދި އެކެއްގެ ވަޒީފާ އިޔާދަކޮށް އެހެން މީހުންގެ ވަޒީފާ ނުދޭން ނިންމުމަކީ އެ ކޮމިޝަނަށް އޮތް އިހްތިޔާރެއް ނޫން ކަމަށެވެ.