ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާދިޔަ މީހަކު ނަގައިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފިއެވެ.

ފުލުހުން ދެންމެ މީޑިއާ އާ ހިއްސާ ކުރި މައުލޫމާތުގައި ބުނީ، ބްރިޖާ ދިމާ ކަނޑުމަތިން މީހަކު އޮޔާ ދާ ކަމުގެ މައުލޫމާތު މިއަދު 12:35 ހާ އިރު ލިބުނު ކަމަށެވެ.

އެމީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ބުނެފައި ވާ އިރު އެއީ ދިވެއްސެއް ކަމެއް އަދި އޭނާގެ ހާލަތަކީ ކޮބައިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެ ވައިބާރު ވުމާއެކު ކަނޑުތައް ގަދަ ދުވަސް ވަރެކެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި ބްރިޖް މަތިން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުން ދާ މި ދަނޑިވަޅުގައި ބްރިޖާ ދިމާ ކަނޑުމަތިން ފެނުނު މީހާ އަކީ، ދުއްވަމުން ދިޔަ އުޅަނދަކުން ކަނޑަށް ވެއްޓުނު މީހެއް ކަމެއް ނުވަތަ އެނޫން ހާދިސާ އަކާ ގުޅޭ މީހެއްކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ، މައުލޫމާތު ސާފުވާ މިންވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

މޫސުން ގޯސް މިދުވަސް ވަރުގައި ހިނގާގައި ވާ ބައެއް ހާދިސާތަކަށް ބަލާއިރު އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ފަތުުރުވެރިޔަކު ސަލާމަތް ކުރަން އެރުނު އެ ރިސޯޓުގެ ދިވެހި މުވައްޒަފަކު ގެންބިގެން މަރުވި ހާދިސާއެއް މިދިޔަ ބުރާސްފަތި ދުވަހު ހިނގާފައި ވެއެވެ. ހަމައެހެންމެ އިއްޔެ ވަނީ ފިހާޅޮހި ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެސް ވެފައެވެ.