ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުން ބަޔެއް ބަންދު ކުރަން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބުނީ އެފެކްސް އޮޕަރޭޝަނަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ހަވީރު 4 އިން ރޭގަނޑު 9އަށް ބަންދުވާނެ ކަމަށެވެ. އަދި މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެކަން ހާމަކޮށް އެމްއޭސީއެލްއިން ބުނީ މި އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްއޭސީއެލްގެ ރެގިއުލޭޓަރީ ޝަރުތުތަކުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއް ފަހަރު އެއާޕޯޓްގައި ބާއްވަން ޖެހޭ މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ އެއާޕޯޓްގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ބެލުމެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މިހާރު ލިޔެވިފައިވާ އެއާޕޯޓް އިމަޖެންސީ ޕްލޭންގެ ދަށުން ކަނޑައެޅިފައިވާ ދައުރުތަކާ އެއްގޮތަށް އެ ފަރާތްތަކުން ހަރަކާތްތެރިވެވޭތޯ ބެލުމެވެ.

ވެލާނާ އެއަރޕޯޓުގައި ފުލް ސްކޭލް އެކްސަސައިޒެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ މީގެ 3 އަހަރު ކުރިން 2022 ވަނަ އަހަރުއެވެ.