ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިމި، މަޝްރޫއުގެ 60 ޕަސެންޓް ނިންމައިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް އެއްގަމާ، ކަނޑުގެ 68 ސަރަހައްދެއްގައި 263 ޕައިލް ޖަހައި، އެ މަސައްކަތް އެއްކޮށް ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބުރިޖު ތަރައްގީ ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ޕައިލް ޖެހުމަށްކަމަށެވެ.

https://www.facebook.com/share/p/1CzjRcLkbd/

ނިމިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ލަސްވެ އެތައް ބައެއްގެ ޝަކުވާތައް ކުރަމުން ދިޔަ އިރު، ނޮވެމްބަރު 16، 2023 ގައި ނިމިދިޔަ ސަރުކާރުން ވަނީ އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާލެއިން ގުޅިފަޅަށް ދާ ސެގްމަންޓެވެ. އެބައި ނިންމާލެވޭނެ ތާރީހަކީ މާޗް 31، 2026 ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މި ބްރިޖު ނިންމުމަށް ދީފައިވާ ފަހުގެ މުއްދަތުގެ ކުރިން ވެސް މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަން ހާމަކުރައްވަމުން މީގެ ކުރިން މުއްތަލިބް ވިދާޅުވީ، އެފްކޯންސްގެ ފަރާތުން ބޭނުންވާ މެޝިނަރީޒްތަކާއި އުޅަނދުތައް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި މަސައްކަތް ދަނީ ވަރަށް ބާރުގައި ކުރިއަށް ކަމަށެވެ.