އިންޑިއާގެ އުއްތަރްޕްރަދޭޝް ގައި އޮތް ކައިވެނީގެ ހަފްލާއެއްގައި ގަދަކަމުން އަންހެން މީހާގެ ތުންފަތުގައި ކިސްކުރި ކަމަށް ބަލައި އަންހެން މީހާގެ އާއިލާއިން ސްޓޭޖް މައްޗަށް އަރައި ހަމަނުޖެހުން ހިންގައިފިއެވެ.

މިހާދިސާގައި އަންހެން މީހާގެ ބައްޕަ އޭނާގެ 2 އަންހެން ދަރިންގެ ކައިވެނި އެއްދުވަހަކަށް ރާވާ ފަހަރަކު ދަރިއެއްގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ނިންމިއެވެ. ފުރަތަމަ ދަރިފުޅުގެ ކައިވެނި އަމާންކޮށް ނިމިގެން ގޮސް ދެވަނަ އަންހެން ދަރިފުޅުގެ ކައިވެނި ކޮށް ނިންމުމާއެކު ފިރިހެން މީހާ، އޭނާގެ އަނބިމީހާއާ ކިސްކުރިއެވެ.

ދެފަރާތުގެ އާއިލާގެ ހާޒިރުގައި ކުރިއަށް ދިޔަ އެ ކައިވެނީގައި މައްސަލަ އުފެދުނީ ސްޓޭޖްމަތީގައި ގަދަކަމުން ކިސްކުރުމުންނެވެ. އަންހެން މީހާގެ އާއިލާއިން ބުނީ، އަންހެން މީހާގެ ނުރުހުމުގައި ގަދަކަމުން ކިސްކުރީ ކަމަށެވެ. އެއާއެކު ސްޓޭޖް ކައިރީގައި ތިބި އާއިލާ މީހުން ލަޓިބުރި ހިފައިގެން ސްޓޭޖަށް އަރައި ފިރިހެން މީހާ އާއި އޭނާގެ އާއިލާގެ މީހުންގެ ގައިގައި ތަޅައިގަތީއެވެ. އެއާއެކު ފިރިހެން މީހާގެ އާއިލާއިން ވެސް ތަޅަން ފެށުމުން ހަމަނުޖެހުމަކަށް ބަދަލުވެ ބައެއް މީހުން ޒަހަމްވެސް ވިއެވެ.

މިމައްސަލަގައި ފުލުހުން ބުނީ، 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ބަޔާން ނަގާފައި ވާ ކަމަށެވެ.

ކައިވެނި ވި ފިރިހެން މީހާ އާ ހަވާލާދީ ފުލުހުން ބުނީ، ކިސް ކުރީ ކައިވެންޏަށް ފަހު ކިސް އެއް ކުރުމަށް އަންހެން މީހާ އެދިފައި އޮތުމުން ކަމަށެވެ.