އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ކުއްޖާގެ މަރުވި މައްސަލަ އަމިއްލަ ގޮތުން ބަލަމުން އަންނަކަމަށް އެ ކުއްޖާގެ މައިންބަފައިން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސިންގަޕޫރުގެ އެސްޓީ ޖޯސެފްސް އިންސްޓްޓިއުޓް (އެސްޖޭއައި) ކިޔަވަމުން ދިޔަ ޖެނާ ރާއްޖެ އައިސްފައިވަނީ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރުޕީ) އަށެވެ. ސްޓަޑީ ޓުއާއެއްގައި ރާއްޖެއައި ޖެނާ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯނީގެ ބުރަފަތީގައި ޖެހިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަމަށް އެ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ އޭރު ބުނެފައެވެ.

ޖެނާގެ މަރުގެ މައްސަލައިގައި ދެ ފުށް ފެންނަ ތަހުގީގެއް ހިންގުމަށް އޭނާގެ ބެލެނެވެރިންވަނީ މީގެ ކުރިންވެސް ގޮވާލާފައެވެ. އަދި އޭނާ މަރުވި މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތަށް ދިވެހި ފުލުހުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓު މޯޓަމް ހަދަންވެސް ފުލުހުން ހުށަހަޅާފައިނުވާ ކަމަށް ބުނެ މީގެ ކުރިންވެސް އެއާއިލާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ޖެނާގެ މަރުގެ ހަގީގަތް ހޯދުމަށް ގާނޫނީ އެހީތެރިކަމަށް ބޭނުންވާ ފަައިސާ ހޯދަން 'ގޯފަންޑްމީ' ވެބްސައިޓުގައި އާއިލާއިން ޕޭޖެއްވެސް ހަދާފައިވާއިރު އަނެއްކާވެސް އެ އާއިލާއިން މި ވަނީ މި މައްސަލަ އަމިއްލަ ގޮތުންވެސް ބަލާނެކަމަށް ބުނެފައެވެ. ޖެނާގެ މަރަށް 6 މަސްވެގެން ދިޔައިރު، އާއިލާއިން އޭނާގެ މަރަށް އިންސާފު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް އަދިވެސް ހުއްޓާނުލާކަމަށް އޭނާގެ މައިންބަފައިން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ ދަ ޓައިމްސްއަށް ޖެނާގެ މަންމަ ދީފައިވާ އިންޓަވިއުއެއްގައި ބުނީ މި މައްސަލާގައި ދިވެހި ފުލުހުން ހިންގަމުންދަނީ ފުރިހަމަ ތަހުގީގެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ދަރިފުޅުގެ މަރުވި ގޮތް ތަހުގީގުކުރަން އަމިއްލައަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށް ޖެނާގެ މަންމަ ބުނީ މިކަމުގައި ބޯޓުން ދަތުރުކުރި މީހުންގެ ފަރާތުން މައުލޫމާތު ހޯދަން ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާކަމަށެވެ.

މީގެ އިތުރުން ޖެނާގެ މަންމަ ބުނީ ދަރިފުޅު ޖެނާގެ މަރަށް އިންސާފު ހޯދުމަށް ރާއްޖެއިން ވަކީލެއް ހޯދުމުގެ މަސައްކަތް އެއާއިލާން ފަށާފައިވާކަމަށާއި އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑެއްވެސް ހުޅުވާފައިވާކަމަށެވެ. އެ ފަންޑަށް މިހާތަނަށް 6،595 ޕައުންޑު ލިބިފައިވާކަން ހާމަކޮށް އޭނާ ބުނީ ދަރިފުޅަށް އިންސާފު ބޭނުންވާކަމަށެވެ.