ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އެރުނު ދިވެއްސަކު ގެނބިގެން މަރުވެއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އދ. ސެންޓަރާ ރިސޯޓްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތް ކުރަން މޫދަށް ފޭބި މީހަކު ގެންބިގެން ފަރުވާދެމުންދާ ކަމަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެއީ އައްޑޫ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 39 އަހަރުުގެ އަހުމަދު އަފްސަލް ނަމަކަށް ކިޔާ ޒުވާނެކެވެ.

އެ އަތޮޅު ދަނގެތި ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރާ ހަވާދާލީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

މި ދުވަސް ވަރު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާއިރު މިއަދު މެންދުރުފަހު 3:15 އާ ހަމައަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވަނީ އޮރެންޖް އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް އެ އެލާޓް ނެރެފައިވަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވޭނެ ކަމަށް ލަފާކޮށެވެ.